އަމާން މުޖުތަމަޢެއް ޤާއިމުކުރުމުގައި ނޫސްވެރިންގެ ދައުރު

ނޫސްވެރިކަމަކީ އެންމެ ކުރުކޮށް ދަންނަވާނަމަ، ޚަބަރު ފެތުރުމެވެ. ޚަބަރު ފެތުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަކީ ތެދު ޚަބަރު ފެތުރުމެވެ. ނޫސްވެރިކަން ކުރުމަކީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެކެވެ. އެކަމަކު މި ހައްޤު ކަށަވަރުކޮށްދީފައިވަނީ ޒިންމާތަކަކާއެކުއެވެ.

ޙައްދެއް ހުދޫދެއް ނެތި، މުޠުލަޤަށް ހުޅުވައިލެވިފައިވާ ހައްޤެއްގެ ގޮތުގައި ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްޤެއް ބޭނުން ނުކުރޭނެކަން ކަށަވަރުވަނީ، ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ ފުރަތަމަ މާއްދާއިންނެވެ. އެ މާއްދާގައި ބުނެފައިވަނީ، "މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތެއްގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނު އަސާސީން ކަށަވަރުކޮށްދެއެވެ" މި މާއްދާގައި ސާފު ބަހުން ބުނެފައި އެވާ، "އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތީން" މި އިބާރާތުގެ މާނައަކީ ކުރިން އަޅުގަނޑު މި ދެންނެވި ލިމިޓޭޝަންއެވެ.

ނޫސްވެރިކަމަކީ، އޭގެ ޒާތުގައި މިނިވަން އެއްޗެއް ކަމުގައި ބުނެވިދާނެއެވެ. 2009 ވަނަ އަހަރުގެ މެއި މަހު ނެރެފައިވާ ފަތްތޫރައިގެ ވޮލިއުމް 31 ގައި، މުޙައްމަދު ވަޙީދު މަޑުލު ލިޔުއްވާފައިވެއެވެ. ވާނުވާ މީހުންނަށް އޮޅުންފިލުވައިދީ، ހަބަރާއި މައުލޫމާތު ފަތުރައިދީ ދުނިޔެއަށް ލޯ ހުޅުވައިދިނުމަށް އެނގެންޖެހޭ ކަންތައްތައް މީހުންނަށް ހަމައަށް މި ގެނެސްދޭ ބަޔަކީ ނޫސްވެރިންނެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ، ތަހުޒީބާއި ތަމައްދުނު ހިޔާރުކުރާ ބައެއްގެ ތެރޭގައި އޮންނަ ކަމެކެވެ. އޮޅުވާލުމާއި މަކަރާއި ހީލަތުން މިންޖުވެފައިވާ ނޫސްވެރިކަމަކީ އިންސާނުންނަށް ފައިދާ ކުރާނެ ނޫސްވެރިކަމެވެ.

ހަޤީޤީ ނޫސްވެރިކަމެއް ކުރެވޭނީ މިނިވަންކަމެއް އޮވެގެންކަމާ މެދު ސުވާލެއް ނެތެވެ. އެކަމަކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤު ގޮސް ހުއްޓެނީ ކިހާ ހިސާބެއްގައިތޯ މިއީ އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަދު ކަންކަން ހިނގަމުންދާ ގޮތުން ކޮންމެހެންވެސް ކުރާން ޖެހިފައިވާ ސުވާލެކެވެ. މިނިވަންކަމުގެ ނަމުގައި އަމަން އަމާންކަން ގެއްލި، ދޭދޭ ފަރުދުންގެ މެދުގައި ރުޅިވެރިކަން އުފެދި މުޅި މުޖްތަމަޢުގެ ހަމައާއި އުސޫލުތައް ގެއްލޭ މިންވަރަށް މުޖުތަމަޢުގައި ފަސާދަވެރިކަން އުފެދިފައިވާ ކަމަށް ގަބޫލު ކުރެވެއެވެ.

ނޫސްވެރިކަމުގެ ހަމަތަކާއި މިންތައް ހިފަހައްޓައިގެން އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރޭގައި ނޫސްވެރިކަން ކުރަނީ ކިތައް ނޫސްވެރިންތޯއާއި އަދި އެކަމުގެ ސަބަބުން އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށް ނޫސްވެރިންގެ ދައުރު އަދާކުރެވެނީ ނުވަތަ ނޫސްވެރިންގެ ދައުރަކީ ކޮބާތޯ، މިއީ މިއަދު ކޮށްލަން ހަމަ އެންމެ ރަނގަޅު ސުވާލެކެވެ.

ނޫސްވެރިކަން ކުރުމުގެ ހަމަތައް ނުވަތަ އެތިކްސް އެންމެ ސާދާކޮށް އެންމެ ތިލަކޮށް އަންގަވާފައިވަނީ ކީރިތި ޤުރުއާނުގައެވެ. އެންމެ ތިލަ އިބާރާތުން ދަންނަވާނަމަ، ކީރިތި ޤުރުއާނަކީ އިންސާނުން އުޅެންވީ ގޮތް އަންގަވާފައިވާ އެސްއޯޕީ ނުވަތަ ސްޓެންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖަރއެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ އެކަނލާގެ ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހި ސަލާމް މެދުވެރި ކުރައްވަވާ މި އުއްމަތުގެ ނަބިއްޔާ محم صلى الله وسلم ގެ މައްޗަށް ބާއްވާލެއްވުނު އެކަނލާގެ ކަލާމްފުޅެވެ.

ކީރިތި ޤުރުއާނުގައި، ބައެއް ކަންކަން ވަނީ ޤަޠުޢީ (އެއިން އިތުރު މާނައެއް ނުނެގޭނެހާ ސާފުކޮށް ޞަރީޙަކޮށް ކަނޑައެޅި ބަޔާންވެގެންވާ) ގޮތެއްގައި ބަޔާންކުރައްވައިފައެވެ. މިސާލަކަށް، ނަމާދާއި ޒަކާތާއި ރޯދަ ފަރުޟުކުރެއްވި އާޔަތްތަކާއި ވާރުތަ މުދަލުން ވާރިޘުންނަށް ލިބޭ މިންވަރު ބަޔާންކޮށްދެއްވައިފައިވާ އާޔަތްތަކާއި ތަރިކަމުދާ ބެހުމާ ގުޅޭ އާޔަތްތަކާއި، ޒިނޭއާއި ޤަޒުފާއި، އަދި ޔަތީމުންގެ މުދާކެއުމާއި ޙައްޤަކާ ނުލައި މީހަކު މެރުން ޙަރާމުކުރެއްވި އާޔަތްތައް ފަދަ އާޔަތްތައް ބާވައިލައްވައިފައި ވަނީ އެއިން އިތުރު މާނައެއް ނުނެގޭ ފަދަ ސާފު، ޞަރީޙަ ގޮތެއްގައެވެ. މި ދެންނެވި ފަދަ ޤަޠްޢީ ހުކުމްތަކަކީ ކޮންމެ އިންސާނަކުމެ އެއަށް ތަބާވާން ޖެހޭ، އަދި އެއާ ދެކޮޅު ހަދައިފިނަމަ ދީނުން ބޭރުވާނެ ޙުކުމްތަކެވެ.

ޚަބަރު ފެތުރުމާ ގުޅޭ ގޮތުން ވަރަށް ސާފު އިބާރާތުން ކީރިތި ޤުރުއާނުގައި އެންގެވުމެއް އަންގަވާފައިވަނީ، ޙުޖުރާތު ސޫރަތުގައެވެ.

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍۢ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍۢ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ

މާނަ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.

މިއީ ޙުޖުރާތު ސޫރަތުގެ 06 ވަނަ އާޔަތެވެ. މި އާޔަތް ބާއްވާ ލެއްވުނު ސަބަބާއި ގުޅޭ ގޮތުން ޢިލްމުވެރިންގެ ފަރާތުން ދައްކަވާފައިވާ ވާހަކަތަކަށް ބެލުމުން މި އާޔަތް ބާއްވާލެއްވުނީ، ވަލީދު ބިން ޢަޤަބާ އެވެ ކިޔާ ސަޙާބީ އަކާއި މެދުގައި ކަން އެނގެއެވެ.

ޢިލްމުވެރިންގެ ފަރާތުން މި ޙާދިސާ ސިފަކުރައްވާފައިވާ ގޮތުގެ މައްޗަށް ބެލުމުން ޙާދިސާގައި ވެފައި އޮތްކަމަށް ބުނާ މައިގަނޑަކީ، ބަނީ މުސްތަލަޤު އެވެ ކިޔާ ޤައުމެއްގެ މީހުންގެ ކިބައިން ޒަކާތް ނެގުމަށް ވަލީދު ބިން ޢަޤަބާ ފޮނުވުނު ހިނދު، އެ ޤައުމަށް ގޮސް އެނބުރި އައިސް ވަލީދު ބިން ޢަޤަބާ ކީރިތި ރަސޫލާއަށް ދިން ޚަބަރަކީ، އެ ޤައުމުގެ މީހުން ޒަކާތް ދެއްކުމާއި ދެކޮޅުވެއްޖެ ކަމުގެ ޚަބަރެވެ. މިކަމާއި ކީރިތި ރަސޫލާ ނުރުހުންތެރިވިއެވެ. އަދި ކަން ވީ ގޮތް ކީރިތި ރަސޫލާ ބައްލަވަން ގަސްދުކުރައްވާ އެކަމުގެ ތަޙްޤީޤެއް ކުރެއްވިއެވެ. ކަން ހިނގާދިޔަ ގޮތް ބެއްލެވުމުން ބަނީ މުސްތަލަޤު މީހުން ތިބީ ޒަކާތް ދެއްކުމާއި ދެކޮޅުވެގެން ނޫންކަން އަދި ވަލީދު ބިން ޢަޤަބާ ކީރިތި ރަސޫލާއަށް ދިން ޚަބަރު އެއީ ތެދު ޚަބަރެއް ނޫންކަން ސާފުވިއެވެ. މި ޙާދިސާގެ މައްޗަށް އިޝާރާތް ލިބޭ ގޮތަށް ޙުޖުރާތު ސޫރަތުގެ 06 ވަނަ އާޔަތް ބާއްވާ ލެއްވުނެވެ.

ޙުޖުރާތު ސޫރަތުގެ 06 ވަނަ އާޔަތުގައި އެ ބުނަނީ، އެއްވެސް މީހަކު ޚަބަރަކާއި ގެން އައިސްފިނަމަ، ނުވަތަ މަޢުލޫމާތެއް ޙިއްސާ ކޮށްފިނަމަ އެ ޚަބަރުގެ ތެދުދޮގު ބަލަން ޖެހޭނެ ކަމުގައެވެ. އެކަން ކުރަން ޖެހޭ ސަބަބުވެސް އެ އާޔަތުގައި ބަޔާންވެގެން އެބަ އޮތެވެ. ޚަބަރުގެ ތެދު ދޮގު ބަލައި ޙަޤީޤަތް ހޯދަން ޖެހެނީ ކީއްވެގެން ބަޔާން ކުރަމުން މި އާޔަތުގައި ބުނަނީ، އެކަން އެ ގޮތަށް ނުކުރެވިއްޖެނަމަ، ނޭނގި ތިބެ އެހެން ބަޔަކަށް އެކަމުގެ ގެއްލުން ދެވިދާނެތީ އެވެ. އަދި އެކަން އެހެން ވެއްޖެނަމަ، އެ ކުރެވޭ ނުބައި ކަމުގެ މައްޗަށް ހިތާމަ ކުރަން ޖެހޭ ބަޔަކަށް ވެދާނެތީ އެވެ.

އެ އާޔަތުގައި އެ އިޝާރާތް ކުރަނީ، ވަލީދު ބުން ޢަޤަބާގެ ވާހަކަ އަޑު އަހައިގެން އެއްވެސް ޙަޤީޤަތެއް ހޯދުމެއް ނެތި ބަނީ މުސްތަލަޤު އެ ޤައުމުގެ މީހުންގެ މައްޗަށް ފިޔަވަޅެއް އެޅުނުނަމަ އެ ކަމަކީ އަނބުރާ އިޢާދަ ކުރެވެން ނެތް ބާވަތުގެ ކަމެއް ކަމުގައި ވުމެވެ. އަދި އެކަމަކީ ޢުމުރަށް ހިތާމަ ކުރަން ޖެހޭ ކަމެއް ގޮތުގައި އެކަން އޮތުމެވެ.

މި ދެންނެވި ހާދިސާއިން އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢުން ދަސްކުރަން ޖެހޭ ވަރަށް ޢިބްރަތްތެރި، އަދި އެހާމެ މުހިއްމު ފިލާވަޅުތައް އެބަހުއްޓެވެ. އެގޮތުން، އެންމެ މުހިއްމު ކަމަކީ ޚަބަރެއްގެ އަޑު އިވިއްޖެ ނަމަ އެ ޚަބަރެއްގެ ތެދު ދޮގު ބަލައި އެކަން ވެރިފައި ކުރުމެވެ. ރިސަރޗްތަކުގައި އަޅުގަނޑުމެން މި ކުރާ ވެލިޑޭޓް ކުރުން މިއޮތީ މާކުރިން ކީރިތި ޤުރުއާނުގައި ﷲ އަޅުގަނޑުމެންގެ މައްޗަށް އަންގަވާފައެވެ.

މި މަޒުމޫން ލިޔުމުގައި އަޅުގަނޑަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވި، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު، އަދި އަޅުގަނޑުގެ ބޮޑުބޭބެ، އަލްއުސްތާޛު ޢަބްދުއްޞަމަދު އަޙްމަދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމަވެ.