ފެކްޓްޗެކް: ނިލަންދޫގައި އެއަރޕޯޓުގެ ވާހަކަ ފެށުމުގެ ކުރިން މަގޫދޫ އެއަރޕޯޓް އިއުލާންކޮށްފިއެވެ

އަޅުގަނޑު މީގެ ކުރިން "ނިލަންދޫ އެއަރޕޯޓާ ގުޅޭ ތާރީހުތަކާ ފެކްޓްތައް" މި ސުރުހީގެ ދަށުން ނިލަންދޫ އެއަރޕޯޓާ ގުޅޭ މުހިއްމު ތާރީހުތައް ހިމެނޭ ގޮތުން އާޓިކަލްއެއް ލިޔެފައިވާނެއެވެ. އެއަރޕޯޓު ވާހަކައަކީ ރަށު ފެންވަރުގައި "ސެންސިޓިވް" ނުވަތަ ހައްސާސީ ވާހަކައެއްކަން އެ ލިޔުމުގައިވެސް ފާހަގަކޮށްފައިވާނެއެވެ.

އެ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަން އިތުރަށް ތަކުރާރު ކުރާކަށް ނެތީމެވެ. އެކަމަކު، އެ ލިޔުން ޕަބްލިޝް ކުރި ފަހުން، އެއަރޕޯޓް ކަންތަކުގައި އައިސްފައިވާ އެހެން އަޕްޑޭޓްތަކެއް ހުރުމުން އަދި ވަކިން ހާއްސަކޮށް އެ ލިޔުމުގެ ފަހުން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ހިޔާލުތަކަށް ފަހު ހަގީގަތުގައި ފެކްޓް ޗެކެއް ހަދަން އަޅުގަނޑަށް މަޖުބޫރުވީއެވެ.

ނިލަންދޫގައި އެއަރޕޯޓެއް އަޅަން ދެ ފަހަރަކު ދައުލަތުގެ ބަޖެޓްގައި ހިމެނިފައި އޮތުމަށް މަގޫދޫގައި މިހާރު އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކަމަކީ ނިލަންދޫގައި އަޅަން އޮތް އެއަރޕޯޓެއް މަގޫދޫއަށް ބަދަލުކޮށް ކުރަމުން އަންނަ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާތީ އެކަމުގެ ހަގީގަތް އޮޅުން ފިލުވައި ދިނުމުގެ ގޮތުން ދަންނަވަމެވެ.

މަގޫދޫގައި އެއަރޕޯޓެއް އެޅުމަށް ދިވެހި ސަރުކާރުން އިއުލާން ކުރީ، 2014 ވަނަ އަހަރުގެ އޭޕްރީލް މަހު ސިންގަޕޫރުގައި ކުރިއަށް ދިޔަ އިންވެސްޓްމެންޓް ފޯރަމްގައެވެ. ސިންގަޕޫރުގައި ސަރުކާރުން މި ދެންނެވި އިންވެސްޓްމެންޓް ފޯރަމްގައި އިއުލާން ކުރީ، ހއ. ހުވަންދޫ، އއ. މަތިވެރި، ފ. މަގޫދޫ އަދި މ. މުލީގައި އެއަރޕޯޓް އަޅާނެ ބަޔަކު ހޯދުމަށެވެ. ހއ. ހުވަންދޫ އަދި އއ. މަތިވެރިގައި އެއަރޕޯޓެއް އަޅަން ކުރި އިއުލާނަށް ފަހު އެކަމުގެ ސްޓޭޓަސް އެއް މިހާރު އޮތް ހިސާބެއް އަޅުގަނޑަކަށް ނޭނގެއެވެ. ނުވެސް ބަލަމެވެ. ބެލުމުގެ ޝައުޤުވެރިކަމެއް ވެސް ނެތެވެ. އެއީ އަޅުގަނޑާ އެއްވެސް ގުޅުމެއް އޮތް ދެ ރަށްކަމުގައި ނުވާތީއެވެ.

އއ. މަތިވެރިއަށް 2023 ވަނަ އަހަރު ދިޔައީމެވެ. އެ ރަށަށް ދިޔައިރު، ގައިމުވެސް އެރަށަކު އެއަރޕޯޓެއް ނެތެވެ. އެ މަސައްކަތް ހިނގަމުންދާ ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގެއެވެ. ކުރިން މި ދެންނެވިހެން ނުވެސް ބަލަމެވެ. އެކަމަކު، މ. އަތޮޅު މުއްޔަށް ރަސްމީ ދަތުރެއްގައި މި ހިނގާ 2024 ވަނަ އަހަރު ދިޔައީމެވެ. މުލީގައި އަޅާ އެއަރޕޯޓުގެ މަސައްކަތުގެ ބޮޑުބައެއް އޮތީ ނިމިފައެވެ. ހީވާގޮތުން މިހާރުވެސް ފްލައިޓެއް ޖެއްސޭވަރަށް އެރަށުގެ މަސައްކަތް އޮތީ ނިމިފައެވެ. މުލީ ކައުންސިލްގެ ރައީސްއަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް ކަމުން، ކައުންސިލް ރައީސްއާއެކު އެއަރޕޯޓް ސަރަހައްދު ބަލަން ދިޔައީމެވެ. ހިތްގައިމު ޓަރމިނަލްއަކާއެކު އެއަރޕޯޓްގެ މަސައްކަތް އޮތީ ނިމުމުގެ މަރުހަލާގައި ކަމަށް މައުލޫމާތު ލިބުނެއެވެ.

މަގޫދޫ އެއަރޕޯޓް އިއުލާން ކުރި ދުވަސްވަރު ހޯދުމަށް އަޅުގަނޑު 10 ވަރަކަށް ދުވަހު، ގައުމީ ކުތުބުހާނާއަށް ގޮސް ކުރީގެ ލިޔުންތައް ބަލައި ހޯދި ހޯދުމުން އެނގުނުގައި ގޮތުގައި ނިލަންދޫގައި އެއަރޕޯޓެއް އެޅުމުގެ ވާހަކަ އަލަށް ވެސް ދައްކަން ފެށީ ވެސް މަގޫދޫގައި އެއަރޕޯޓެއް އަޅަން އިއުލާން ކުރި ފަހުންނެވެ. އެހެންކަމުން، ނިލަންދޫގައި އަޅަން އޮތް އެއަރޕޯޓެއް މަގޫދޫއަށް ބަދަލު ކުރީއޭ ވިދާޅުވާނަމަ އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެވެ. މި ލިޔުން ފަށަމުން އަޅުގަނޑު ފާހަގަ ކުރިހެން، ނިލަންދޫ އެއަރޕޯޓާ ގުޅޭ ތާރީޚުތައް ވަރަށް ތަފްސީލްކޮށް ކުރީގެ އާޓިކަލްގައި ބަޔާންކޮށްފައިވާނެއެވެ.

މި ލިޔުން ނިންމާލުމުގެ ކުރިން ނިލަންދޫގައި އެއަރޕޯޓެއް އެޅުމާމެދު އަޅުގަނޑު ދެކޭ ގޮތް ވަރަށް ސާފުކޮށް ބަޔާން ކުރާނަމެވެ. މީގެ ކުރިން ނިލަންދޫގައި އެއަރޕޯޓެއް އެޅުމާމެދު އަޅުގަނޑު ދެކޭ ގޮތެއް ހާމަކޮށްފައެއް ނުވާނެއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ނިލަންދޫގައި އެއަރޕޯޓެއް އެޅުމަށް ލިބުނު ފުރުސަތު އަޅުގަނޑުމެންނަށް ގެއްލިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރަށް ތާއީދުކޮށްގެން، ސަރުކާރާ ގުޅިގެން އެއަރޕޯޓެއް އަޅަން އުޅުނު ނަމަ އެކަން އޮންނާނީ މިހާރުވެނިމިފައެވެ. ނިލަންދޫން ފުރައިގެން އެންމެ 10 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް މަގޫދޫގައި އެއަރޕޯޓެއް އެޅުމުގެ މަސައަކަތް މިހާރު ފެށި، މަސައްކަތުގެ ބޮޑުބައެއް ނިމިފައި ވާތީ މިހާރު ދެން އަލުން ނިލަންދޫގައި އެއަރޕޯޓެއް އެޅުމުގެ މާބޮޑު ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑަށް ނުވިސްނެއެވެ. މަގޫދޫގައި އެއަރޕޯޓެއް އޮވެ، ނިލަންދޫގައި އަނެއްކާވެސް އެއަރޕޯޓެއް އޮތުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭތީއެވެ. 10 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ދެ އެއަރޕޯޓް އޮވެ، ދެ އެއަރޕޯޓް އޮޕަރޭޓް ކުރާނެ ވަރުގެ ޑިމާންޑިން އާބާދީއެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ދެން އޮތީ ފަތުރުވެރިކަމަށް މުހިއްމު ވުމެވެ. އެކަމަކު އެ ނަޒަރުން ބަލާއިރުވެސް ދެ އެއަރޕޯޓް އަޅަން ޖެހޭވަރުގެ ފަތުވެރިކަމެއް އެ ސަރަހައްދަކު އަދިއެއް ނެތެވެ.

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓުވާފައި ނިލަންދޫގައި އަލުން އެއަރޕޯޓެއް އަޅާކަށް ހަމަ ގައިމުވެސް އަޅުގަނޑެއް ތާއީދެއް ނުކުރާނަމެވެ. މިއީ ފަހަރުގައި އެހާ މަގުބޫލު ހިޔާލަށް ނުވެދާނެއެވެ. އެކަމަކު މަގުބޫލުކަން ހޯދާކަން، އަޅުގަނޑު ގަބޫލު ނުކުރާ ހަމައެއް ނުވިއްކޭނެއެވެ. އަދި އަމުދުން އިގްތިސާދޯ ގޮތުންނާއި އިޖުތިމާއީ ގޮތުން، އަދި ސިޔާސީ ގޮތުން ވިޔަސް އެކަމުން އެދެވޭ އެއްވެސް ނަތީޖާއެއް ނުކުންނާނެތަނެއް އަޅުގަނޑަކަށް ނުވިސްނެއެވެ. އަޅުގަނޑުގެ ވިސްނުން ކޮށީ ކަމަށްވެސް ވެދާނެއެވެ.

އިގްތިސާދީ ގޮތުން ބަލާއިރު މަގޫދޫ އެއަރޕޯޓުގެ މަސައްކަތް މިހާރު އޮތް ހިސާބުން ހުއްޓާލައިފިނަމަ އެ ވާނީ ވަރަށް ބޮޑު އިސްރާފަކަށެވެ. އަދި އެއީ އެތައް ޒަމާނެއްވަންދެން ނިލަންދޫއާ މަގޫދޫއާ ދެމެދު އޮތް ނުތަނަވަސްކަމެއް އަލުން ބަލުން ފެށުމަށް ހުޅުވޭ ދޮރެއްކަމުގައި ނޫނީ ނުވާނެއެވެ. ސިޔާސީ ގޮތުން ބެލިނަމަވެސް އެކަމުން ސިޔާސީ ލީޑަރަކަށް ލިބޭނެ ޒާތީ މަންފާއެއް ނޫނީ އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަމެވެ.

އެންމެ ފަހު ވާހަކައަކަށް ދަންނަވަން އޮތީ، ހެޔޮ ނިޔަތެއްގައި ސަރުކާރުން ނިލަންދޫގައި މިހާރު ދެން އެއަރޕޯޓެއް އަޅައިފާނެ ކަމަކަށް އަޅުގަނޑު ގަބޫލު ނުކުރާ ވާހަކައެވެ. ފޮރުވިފައިވާ އެހެން އެޖެންޑާއަކުން އެކަން ނުކުރާނެ ވާހަކަ އެއް ނޫނެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ. ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ.