އޮނަރަބުލް ޢަބްދުﷲ ޝާހިދުގެ ހިބަރު ވަދު ސްޕީޗު

ޢަބްދުﷲ ޝާހިދަކީ، ދެބަސްވެވެން ނެތް ގޮތުގައި ކުޅުދާނަ ސިޔާސީ ލީޑަރެކެވެ. ޙިކުމަތްތެރި ހިންގުންތެރިއެކެވެ. މޮޅު އަދީބެކެވެ. ޅެންވެރިއެކެވެ. މި ހުރިހާ ކަމަކަށްވުރެ ވެސް ބޮޑަށް، ޢަބްދުﷲ ޝާހިދުގެ ފަރާތްޕުޅުން ފާހަގަ ކުރެވޭ އެންމެ ޚާއްސަ އެއް ސިފައަކީ، ވާހަކަފުޅު ދެއްކެވުމުގައި ގެންގުޅުވާ ސަމާސާ އަދަބުތަކާއި ދޫފުޅުގެ ފަރިތަކަމެވެ.

ޢަބްދުﷲ ޝާހިދަކީ ވާހަކަފުޅު ދެއްކެވުމުގެ ތެރެއިން، އަޑުއަހާ މީހުން ހެއްވައިލުމުގައި ސިޔާސީ މަޝްރަޚުގައި ދެވަނައެއް ނެތް ފަދަ މޮޅު ހުނަރުވެރިއެކެވެ. ކިތައްމެ ބޮޑު އޯޑިއަންސަކާ މުޚާތަބުކޮށް ވާހަކަފުޅު ދެއްކެވިޔަސް، މަޖިލީހުގެ ރަސްމީ ޖަލްސާއެއްގައި ވާހަކަފުޅު ދެއްކެވިޔަސް ނިކަން ގިނައިން ސަމާސާ އަދަބު ބޭނުންފުޅު ކުރައްވާ ބޭފުޅެކެވެ.

އަޑު އަހަން ތިބޭ މީހުން ފޫހި ނުވެ ކިތައްމެ އިރަކު ވެސް ދޫފަރިތަކަމާ އެކު ވާހަކަފުޅު ދެއްކެވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ހުނަރެކެވެ. ނިކަން ފަށުއިކޮށް، އަދަބިއްޔާތުގެ ހަމަތަކުގެ ތެރެއިން، ނިކަން ހަރު، ބޮޑެތި ސިޔާސީ ވާހަކަފުޅުތައް ދައްކަވައެވެ.

އާއްމު ދިރިއުޅުއްވުމުގައި، ސަމާސާ އަދަބުގެ ހަމަތަކާއި މިސާލު ބަސްތަކާއި މަޖާޒީ ބަސްމަގެއް ބޭނުންފުޅު ކުރެއްވި ނަމަވެސް ހަގީގަތުގައި ސީރިއަސްކަންކަމުގައި ޢަބްދުﷲ ޝާހިދަކީ ނިކަން ސީރިއަސް ވެސް ބޭފުޅެކެވެ. ސިޔާސީ ކަންކަމުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމުގައި، ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ނުވަތަ އިބްރާހީމް މުޙައްމަދު ޞާލިހު ފަދަ ވަރުގަދަ ޝަޚްސިއްޔަތެކެވެ. ކެތްތެރިކަމުގެ ނަމޫނާ ބޭފުޅެކެވެ.

މި މަޒުމޫނުގައި އަޅުގަނޑު މި މަސައްކަތް ކުރަނީ، ޢަބްދުﷲ ޝާހިދުގެ ސްޕީޗެއް އެނަލައިޒް ކުރުމަށެވެ. ސްޕީޗް އެނަލައިޒް ކުރުމަށް އަޅުގަނޑު އިޚްތިޔާރު ކުރީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި ކުރީގެ ޚާރިޖީ ވަޒީރު އޮނަރަބުލް ޢަބްދުﷲ ޝާހިދުގެ ސްޕީޗެކެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ށ. ފޯކައިދޫގައި ޢަބްދުﷲ ޝާހިދު ދެއްވި ނިކަން ފޯރިގަދަ ސްޕީޗެކެވެ.

ދިވެހި އަދަބިއްޔާތުގެ ފަންނުގައި އެންމެ ކުރީ ސަފުގައި ގުނައި ލެވޭ ބޭފުޅެއް ކަމުން، ހަޤީޤަތުގައި ޢަބްދުﷲ ޝާހިދު ފަދަ ބޭފުޅެއްގެ ސްޕީޗަކަށް ފާޑު ކިޔުމަކީ ކުރަން ފަސޭހަކަމެއް ވެސް ނޫނެވެ. އެހެނީ މުޅި ވާހަކަފުޅުން ވެސް ޖުމުލަ ގޮތެއްގައި ފާހަގަ ކުރެވެނީ، ދިވެހި ބަހުގެ ހަމަތަކާއި އުޞޫލުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރައްވާކަމެވެ.

އަޅުގަނޑު އިޚްތިޔާރު ކުރި ސްޕީޗަކީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ޢަބްދުﷲ ޝާހިދު ދެއްކެވި މަޝްހޫރު "ހިބަރު ވަދު" ސްޕީޗެކެވެ. އެއީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު، ށ. ފޯކައިދޫގައި އޮތް، ގުޅިފައިވާ އިއްތިހާދުގެ ކެމްޕެއިން ޖަލްސާގައި އެ މަނިކުފާނު ދެއްވި ޖޯޝުން ފުރިފައިވާ ސްޕީޗެކެވެ.

އިސްވެ ބަޔާން ކުރެވުނު ފަދައިން މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ސްޕީޗެކެވެ. ށ. ފޯކައިދޫގައި އޮތް އެ ޖަލްސާގެ ސީދާ އޯޑިއަންސްގެ ގޮތުގައި ޖަލްސާގެ ހާޟިރީންގެ ގޮތުގައި ތިއްބެވީ ށ. އަތޮޅުގެ ރަށްރަށުގެ އާއްމުންނެވެ. އޭރު ވެރިކަމުގައި އޮތް ޕީޕީއެމް ނޫން އެހެން ސިޔާސީ ޕާޓީތަކުގެ ގިނަ މީހުން ޖަލްސާގެ ހާޟިރީންގެ ގޮތުގައި ތިބި ނަމަވެސް، ޖަލްސާއަކީ ވަގުތުން ދުރަށް ފޮނުވަމުން ދިޔަ ޖަލްސާއެއް ކަމުން އޯޑިއަންސަކީ ހަގީގަތުގައި މުޅި ދިވެހި ރައްޔިތުންނޭ ވެސް ދެންނެވިދާނެއެވެ. ވަކިން ޚާއްސަކޮށް އިންތިޚާބަށް އެންމެ ހަފުތާއެއްހައި ދުވަހަށް ވެފައިވަނިކޮށް ރިޔާސީ ކެންޑިޑޭޓްވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ކަމުން މުޅި ދިވެހި ރައްޔިތުންނަކީ މި ސްޕީޗުގެ އޯޑިއަންސްއެވެ.

ޙަމްދު ޘަނާއަށް ފަހު ޢަބްދުﷲ ޝާހިދުގެ ސްޕީޗު ފެށްޓެވީ ވެސް ވަރަށް ޝައުޤުވެރި ގޮތަކަށެކެވެ. އޭރުގެ ރައީސުލް ޖުމްހޫރިއްޔާއަށް ނިސްބަތް ކުރައްވާ ނުސީދާކޮށް އެންމެ ފުރަތަމަ ވެސް ވިދާޅުވީ އެއީ ވަގެއް ކަމުގައެވެ. "ވަގު" މި ލަފްޒު ބޭނުންފުޅު ނުކުރައްވައި ހަމަ އެކަނި އަކުރުތައް ވިދާޅުވެގެން މަޖާޒީ ގޮތަކަށް ވާހަކަފުޅު ފެށްޓެވީ ވެސް އަޑުއަހަން ތިބި އެންމެންގެ ޝައުގުވެރިކަން ސީދާ އެ މަނިކުފާނުގެ ސްޕީޗަށް ހުއްޓޭނެ ގޮތަކަށެވެ.

އެއަށް ފަހު އެ މަނިކުފާނު ދައްކަވަން އުޅުއްވާ ވާހަކަފުޅުގެ ސުރުޚީއެއް ދުރުދުރުން އަޅުއްވައިލެއްވީ ށ. އަތޮޅާއި އަދި ވަކިން ޚާއްސަކޮށް ފޯކައިދޫއަށް ނިސްބަތްވާ ގޮތަކަށެވެ. މަސްވެރިކަމުގައި ފޯކައިދޫއަކީ ނަން ހިނގާ ރަށަކަށްވުމުން، މަސްވެރިކަމާއި ގުޅޭ ގޮތަކަށް ވާހަކަފުޅު ފެށްޓެވުމުން އަޑު އަހަން ތިބި މީހުންގެ ޝައުޤުވެރިކަން އެ ދިމާލަށް ޚާއްސަވެ، ވިދާޅުވާން އުޅުއްވާ އެއްޗެއް އޮޅުން ފިލުވުމުގެ ޝައުޤުވެރިކަން ބޮޑުވާނެއެވެ. ވާހަކަފުޅު ފެށްޓެވުމާ ހަމައިން ވެސް ސީދާ ޖަލްސާގެ ހާޟިރީންނާ ގުޅުވާލައްވައިފިއެވެ.

މަޖާޒީ ގޮތެއްގައި، ހިބަރެއް ވަދެއްގައި ޖެހުމުން ދެން އެ ހިބަރަށް ވެގެންދާނެ ގޮތް ވިދާޅުވެ ދެއްވީ ރައީސް ޔާމީނަށް ސީދާ ނިސްބަތް ކުރައްވައެވެ. ސިޔާސީ ގޮތުން އެ މަނިކުފާނު ބަލިވެއްޖެކަން އޯޑިއަންސަށް ވިސްނައިދެއްވީ ސަމާސާ އަދަބުގެ ތެރެއިންނެވެ. "ހިބަރު ވަދެއްގައި ބުޅިއެއް ނީންނާނެ. ހިބަރު ވަދުގައި މި އިންނަނީ ތިމަރަ ވަދެއްލާފައި ކޮޅަށް ދޫކޮށްފައި ހުންނަ އުއިކޮޅެއް. އެކަމަކު ހިބަރު ވަދުގައި ހިބަރު ޖެހުމަށް ފަހު ދެން އެ ސޮރު ކުރާނެ ކަމެއް ނެތް. ފުމުނަސް ނަގާނީ، ބަޑިއެއް ޖެހިއަސް ނަގާނީ، ފޮނު އެރުވިޔަސް ނަގާނީ، ތެޅުނު ވަރަކަށްވާނީ ބަލި. ޔާމީނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މަނިކާފުނުއޭ، މަނިކުފާނު ތިޔަ އޮންނެވީ ހިބަރު ވަދެއްގައި ޖެހިފައޭ". ފާޅުގައި، ހަމަ ސީދާ ޢިބާރާތުން ފުރަތަމަވެސް ގޮން ޖައްސަވަމުން އޭރުގެ ޙާލަތު ސިފަކުރެއްވީ ރައީސް ޔާމީނަކީ ވަދެއްގައި ޖެހިފައި އޮތް ހިބަރެއްގެ މިސާލުންނެވެ.

އެކަމަކު ވާހަކަފުޅުގެ ފޯރިއާއި ޖޯޝްގައި، ހުރުން އިނުން އޮތުމުގެ ގަވާއިދާ ޚިލާފަށް ޢިބާރާތެއް ބޭނުންފުޅު ކުރެއްވުނެވެ. އެއީ ބުޅިއެއް ނީންނާނެ ކަމަށް ވިދާޅުވެވުމުންނެވެ. އަޅުގަނޑަށް ހީވި ގޮތެއްތޯ ޔަގީން ކުރުމަށް ތަކުރާރުކޮށް އަޑު އެހުމުންވެސް ފާހަގަ ކުރެވުނީ ނީންނާނެ ކަމަށް ވިދާޅުވި ކަމެވެ. މި ޢިބާރާތުގެ ރަނގަޅު ގޮތަކީ ނޯންނާނެއެވެ.

ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ނިސްބަތް ކުރައްވާ، ވަރަށް ފާޅުގައި ފާޑު ވިދާޅުވެ ހިބަރެއްގެ މިސާލުން މިސާލު ޖެއްސެވި ނަމަވެސް ވާހަކަފުޅު ދެއްކެވީ އިޙްތިރާމާ އެކު މާތް ބަހުރުވައިންނެވެ. އަޑުފުޅަށް ބާރު ލައްވައި، ޖޯޝާއި އެކު ވާހަކަފުޅު ދެއްކެވިއިރު އެންމެ ހިނދު ކޮޅަކަށްވެސް އިޙްތިރާމް ކުޑަ ނުކުރައްވައެވެ. އަޑު އަހަން ތިބި މީހުންގެ އިޙްސާސްތަކާއި ކުޅެލީ ނިކަން މޮޅަށެވެ. މިއީ މިއަދުގެ ސިޔާސީ ވެރިން ދަސްކުރަން ޖެހޭ ފިލާވަޅެކެވެ.

މި ސްޕީޗުގައި ޢަބްދުﷲ ޝާހިދު ތަކުރާރުކޮށް ބޭނުން ކުރެއްވި ޢިބާރާތެއްގެ މާނަ ބަލައިލުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އެއީ "ބަނޑު ބިންމަތީގައި ޖެއްސުން" މި ޢިބާރާތެވެ. ރައީސް މައުމޫން، އޮނަރަބުލް ޤާސިމް އިބްރާހިމް، ރައީސް މުޙައްމަދު ނަޝީދު އަދި އޭރުގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް މިއިން ކޮންމެ ބޭފުޅެއްގެ ވެސް ބަނޑު ބިންމަތީގައި ޖެއްސެވި ކަމަށް ތަކުރާރުކޮށް ޢަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރަދީފުން އެނގުނު ގޮތުގައި "ބަނޑު ބިންމަތީގައި ޖެއްސުން" މިއީ ބުރިން ހަން ނެގުމަށް ބޭނުން ކުރާ ރީތި ބަހެވެ. ކުރިން ވެސް ފާހަގަ ކުރެވުނުހެން ވަރަށް ފާޅުގައި ފާޑު ވިދާޅުވި ނަމަވެސް ބޭނުން ކުރައްވާފައިވަނީ ރީތި އިބާރާތްކަން އަނެއްކާވެސް ފާހަގަވިއެވެ. އެކަމަކު އެ ހިސާބުން ބުރިން ހަން ނެގުމުގެ މާނަ ބަލައިލާން ޖެހިއްޖެއެވެ.

އާދޭހެވެ! ބުރިން ހަން ނެގުމަކީ އިހުގައި ސިޔާސީ ކުށްކުށަށް ދައުލަތުން ދެއްވި އެންމެ ބޮޑު އުޤޫބާތެވެ. އެހެންކަމުން ޢަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި މަޖާޒީ ގޮތުން އެ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެހެން ސިޔާސީ ލީޑަރުންނާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދޭ އެންމެ ބޮޑު އުޤޫބާތް ދެއްވި ވާހަކައެވެ. އެ ޢިބާރާތުން ވެސް ފާހަގަ ކުރެވުނީ ޢަބްދުﷲ ޝާހިދުގެ ބަސްމޮށުން ތެރިކަމުގެ ކުޅަދާނަކަމާއި ބަހުގެ މުއްސަނދިކަމެވެ. މޮޅު އަދީބެއްކަމެވެ.

މުޅި ސްޕީޗަށް ބަލާއިރު ވެސް ފާހަގަ ކުރެވުނީ އޯޑިއަންސްގެ ހިތްތައް އަތުލައްވައިފިކަމެވެ. މީހުން ފޫހިވާނެ އެންމެ ހިނދުކޮޅެއް ވެސް މުޅި ސްޕީޗުގައި ވެސް ނެތެވެ. ސަމާސާ އަދަބުގެ ތެރެއިން އެ މަނިކުފާނުގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔަ ވާހަކަފުޅު ވިދާޅުވިއިރު ޖޯކު ރާގެއްގައި އެ މަނިކުފާނުގެ "ބޮލުން" ހީބިހި ނަގައިގެން ދިޔަކަމަށް ވިދާޅުވިއެވެ. ޢަބްދުﷲ ޝާހިދުގެ ބޯ ތަލަވެފައިވާތާ ކިތައްމެ ޒަމާނެއް ކަމުން އެ ޢިބާރާތަކީ ވެސް އަޑު އަހާ މީހުންގެ ތެރޭގައި ޖޯޝު އުފައްދަވައި ހެއްވާލަން ބޭނުން ކުރެއްވި ޢިބާރާތެއްކަން ފާހަގަ ކުރެވުނެވެ.

ޢަބްދުﷲ ޝާހިދުގެ ވާހަކަފުޅަށް ބާރު ގެނުވައި މުޅި ސްޕީޗުގެ އެންމެ ޖަޒުބާތީ އެއް ބަޔަކީ ރައީސް މައުމޫން އޭރުގައި ޖަލުގައި އޮންނެވި ކަމަށް ވިދާޅުވެ އެކަމާ ގުޅުވައި އުފެއްދެވި ސުވާލުތަކެވެ. ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ އެ މަނިކުފާނަށް އޮތް ތާއީދަކަށްވުރެ ރައީސް މައުމޫނަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބެއްގެ ސަބަބަން ކަމަށް ވިދާޅުވި އިރު އަޑުފުޅުގައި ހުންނެވި އަސަރާއި، މޫނުފުޅު މަތީގެ އިހްސާސްތަކުން މުޅި އޯޑިއަންސްގެ ހިތުގެ އެންމެ ހިމަ ނާރުތަކާ ވެސް ކުޅެލާނެއެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު މި ސްޕީޗަކީ އޮއްޓަރު ހުރި، ފެންވަރު ރަނގަޅު މޮޅު ސްޕީޗެކެވެ. މީހުންގެ ހިތްތަކާ ކުޅެލިއެވެ. ބޭނުންވާ ނަތީޖާ ހާޞިލުވިއެވެ. އޯޑިއަންސް ހެއްވާލިއެވެ. އޯޑިއަންސް ސީރިއަސް ކުރުވިއެވެ. މުޅި ސްޕީޗު ފެށިގެން ނިމެންދެން އޯޑިއަންސް ކޮންޓްރޯލް ކުރެއްވީ އެ މަނިކުފާނެވެ. މިއީ ކޮންމެކޮންމެ ވާހަކަ ދެއްކުންތެރިއަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ޢަބްދުﷲ ޝާހިދުގެ ސްޕީޗު ނިންމަވައިލެއްވީ، "އިންސާފުގެ މަގަށް ރާއްޖެ" މި ޢިބާރާތް އޯޑިއަންސްއާ އެކު ހަރު އަޑުން އެތައް ފަހަރަކު ތަކުރާރު ކުރައްވަމުންނެވެ. އެއީ އެމްޑީޕީގެ އާއްމު މެންބަރުންގެ ޖޯޝް އުތުރި އަރާނެ ޢިބާރާތެކެވެ. ޢަބްދުﷲ ޝާހިދުގެ އަޑު ދަށުން މުޅި އޯޑިއަންސް ގުގުމައިލީ އެއް އަޑަކުން "އިންސާފުގެ މަގަށް ރާއްޖެ" މިހެން ގޮވަމުންނެވެ.

އަޅުގަނޑު މި ސްޕީޗަށް މާކްސް ދޭނަމަ ސަތޭކައަކުން ސަތޭކަ ދޭނަމެވެ. މިއީ އެހާވެސް ފުރިހަމަ ސްޕީޗެކެވެ.

މި މަޒުމޫނަކީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި، ނޫސްވެރިކަމުގެ ދާއިރާއިން އަޅުގަނޑު ކިޔެވިއިރު، އެސައިންމަންޓަކަށް ލިޔުނު މަޒްމޫނެއްގެ ކުރު ހުލާސާއެކެވެ. އެއީ، ސްޕީޗަކަށް އަދަބީ ގޮތުން ފާޑު ކިޔުމުގެ އެސައިންމެންޓެކެވެ. ނިންމާލުމުގެ ކުރިން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލެކްޗަރަރ، އަޅުގަނޑުގެ އުސްތާޛު، އަހްމަދު ހާޝިމްއަށް ޝުކުރު ދަންނަވަމެވެ.

އާޓިކަލްގައި ހިމަނާފައި އެވާ ފޮޓޯއަކީ، 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެކެވެ.