ބަރަކާތްތެރި ރޯދަ މަހުގެ ތިރީސް ދުވަހުގެ ރޯދައަށް ފަހު މިއަދަކީ ފިތުރު އީދު ދުވަހެވެ. ދިވެހިންގެ އާއްމު ބަހުން ނަމަ ކުޑަ އީދު ދުވަހެވެ. ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން ދެ އަހަރެއްހާ ދުވަހު ހަގީގަތުގައި ރަނގަޅަށް އީދު ފާހަގަކޮށް ނުލެވި އޮތުމަށް ފަހު އައި ފުރަތަމަ އީދެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހުރެ ލައްކަ ގިނަ މަޖާ ކުރުންތަކަށް ހުރަސްތަކެއް އެޅިފައި އޮތުމަށް ފަހު އައި ފުރަތަމަ އީދެކެވެ.
ދެ އަހަރެއްހާ ދުވަހުގެ ފަހުން ރާއްޖޭގެ ގިނަ ރަށް ރަށުގައި މި ފަހަރު ގިނަ ބަޔަކަށް އެކުގައި ބޮޑު ޖަމާއަތުގައި އީދު ކުރެވެނެވެ. ގިނަ ބަޔަކަށް މި ފަހަރު އުމްރާގެ މަތިވެރި އަޅުކަމަށްވެސް ދެވޭ ގޮތްވިއެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ. މާސްކެއް އެޅުން މަޖުބޫރެއް ނޫނެވެ. އެހެންކަމުން މި ހުރިހާ ކަމަކަށް ބަލާއިރު މިއީ އުފާވެރި އީދެކެވެ. ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާ ނުހަނު އިޚްލާސްތެރިކަމާއެކު އަރިސްކުރަމެވެ. އީދު މުބާރިކްއެވެ.