ދައުރު ހަމަވަންދެން މަގާމުގައި ހުންނާނެކަމުގެ ޔަގީންކަން ބޭނުންވެއެވެ

އެކުވެރި އަލީ މުހައްމަދު، ނުވަތަ އަލީ ސަރ، ސިޔާސީ މަގާމަކަށް އައްޔަން ކުރުމުން ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. އަޅުގަނޑުވެސް އަލީ ސަރއަށް ހިތުގެ އިހުލާސްތެރި މަރުހަބާ ދަންނަވަމެވެ. ކަން ދިމާވިގޮތުން އަލީ މި މަގާމަށް އައްޔަން ކުރެވުނު ވަގުތަކީ އަޅުގަނޑަށްވެސް ރަށުގައި ހުރެވުނު ވަގުތެއް ކަމުން، ބައްދަލުވެ އަނގަތަޅާލުމުގެ ނަސީބުވެސް ލިބުނެވެ. މިރޭގެ ރޭގަނޑުގެ ކެއުމުގައި އަޅުގަނޑާއެކު އަލީ ސަރ ބައިވެރިވެސްވިއެވެ.

އަލީ ސަރ ސިޔާސީ މަގާމަކަށް އައްޔަން ކުރުމުން އެކަމަށް އަޅުގަނޑުވެސް މަރުހަބާ ކީމެވެ. އެކަމަކު އަޅުގަނޑު މިކަމުގައި ފާހަގަކޮށްލަން ބޭނުން ނުކުތާއެއް އެބައޮތެވެ. އަލީ ސަރއަކީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކޮށްފައި ހުރި މީހެކެވެ.

ދައުރުގެ ބޮޑުބައެއް އަދި ބާކީ އޮއްވާ، އެހެން މަގާމަކަށް ބަދަލުވުމުން އަޅުގަނޑުގެ ނަޒަރުގައި އަލީ ސަރ އެ މަގާމަށް އިންތިހާބު ކުރި މީހުންނަށް ކޮންމެވެސް މިންވަރެއްގެ ބޭވަފާތެރިއެއް ވެވިއްޖެއެވެ. އަދި އޭގެ އިތުރުން އަލީ ސަރގެ އެ ނިންމުމުގެ ސަބަބުން ދައުލަތަށް މާލީ ބުރައެއްވެސް އުފުލަން ޖެހިއްޖެއެވެ. އަލުން އިންތިހާބެއް ބޭއްވުމަކީ ދައުލަތުން ކުރަން ޖެހޭ ހޭދައެކެވެ. މާލީ ތަކުލީފެކެވެ.

އަލީ ސަރގެ ވާގަކަ މި ލިޔުމުގައި މި ގޮތަށް ގެނައި ނަމަވެސް ހަގީގަތުގައި އަޅުގަނޑު މި ފާހަގަކުރަނީ މިކަން މިހާރު މިއީ ރާއްޖޭގައި މިހާރު އާއްމު ކަމެއްކަމުގައި ވީ ވާހަކައެވެ. ބައި- އިލެކްޝަނެއް ނެތް ދުވަސްވަރެއް ނެތޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.

އިންތިހާބުތަކަށް ކުރިމަތިލާއިރު، އިންތިހާބު ކުރެވޭ މަގާމުގެ ދައުރު ހަމަވަންދެން މަގާމުގައި ސާބިތުކަމާއެކު ދެމި ތިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ޖެހޭނެއެވެ. އިންތިހާބުވުމަށް ފަހު ދުވަސްކޮޅެއްގެ ތެރޭގައި ހިޔާލު ބަދަލުވެ، އިސްތިއުފާ ދިނުން، ކެމްޕެއިންގައި ދެއްކި ވާހަކަތައް ބަދަލުވުން ނުވަތަ އަދި އެއަށްވުރެވެސް ތިލަކޮށް ދަންނަވާނަމަ، ޕާޓީ ބަދަލުކުރުން ފަދަ ކަންކަމަކީ ގަބޫލު ކުރަން ފަސޭހަ ކަންކަމެއް ނޫނެވެ. ކެމްޕެއިން ފެށޭއިރު ކިޔާ ލަވަ ކެމްޕެެއިން މެދުތެރެިން ބަދަލުވެ، އަދި އިންތިހާބު ވުމަށް ފަހު މުޅިން އެހެން ލަވައަކަށް ބަދަލުވުން ކަހަލަ ކަންކަން އަޅުގަނޑަކަށް ބަލައެއް ނުގަނެވޭނެއެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ.

ދައުރުގެ މެދުން އިސްތިއުފާ ދީ އެހެން މަގާމަކަށް ނުދެވޭނެ ގޮތަށް ގާނޫނުތައް ބަދަލު ކުރަން ޖެހޭ ކަމަށް ޖޯކު ރާގެއްގައި އަލީ ސަރއަށްވެސް މިރޭ ދެންނެވީއެމެވެ. އަދިވެސް އެއް ފަހަރު އަލީ ސަރއަށް މަރުހަބާ ދަންނަވަމެވެ.