ނިލަންދޫ އެއަރޕޯޓާ ގުޅޭ ތާރީހުތަކާ ފެކްޓްތައް

ފ. އަތޮޅު ނިލަންދޫގައި އެއަރޕޯޓެއް އަޅަން އުޅޭ ވާހަކައަކީ މިހާރު ދުވަސްވީ ވާހަކައެކެވެ. މި ވާހަކައަކީ ރަށު ފެންވަރުގައި "ސެންސިޓިވް" ނުވަތަ ހައްސާސީ ވާހަކައަށް ވެދާނެކަން އެނގެއެކެވެ. ނިލަންދޫގައި އެއަރޕޯޓެއް އެޅުމަކީ ނިލަންދޫ މީހުންގެ މެދުގައި ކޮންމެވެސް މިންވަރެއްގެ ހިޔާލު ތަފާތުވުމެއް އުފެދިފައިވާ ކަމެއްކަމާ މެދު ބަހުސެއް ނެތެވެ. އެކަމުގައި މި ލިޔުމުގައި އަޅުގަނޑު ވަކި ކޮޅެއް ނަގާކަށްވެސް ނެތީމެވެ. ކުރިން ދެންނެވިހެން މި ވާހަކައަކީ ހައްސާސީ ވާހަކައެކެވެ.

މި ލިޔުމުގައި އަޅުގަނޑު މި ބަލާލަނީ، ނިލަންދޫގައި އެއަރޕޯޓެއް އެޅުމުގެ ވާހަކަ ފެށިގެން އައިގޮތާ އަދި އެކަމާ ގުޅޭ ބައެއް ތާރީހުތަކެވެ. މި ތާރީހުތަކަކީ އަޅުގަނޑު ކަހަލަ، ކަންކަން ބަލައި ދިރާސާކުރެވޭތޯ އަދި ކަންކަމާމެދު ހިޔާލު ފާޅު ކުރެވޭތޯ މަސައްކަތް ކުރާ މީހަކަށް މުހިއްމު ތާރީހުތަކެއް ކަމުގައި ދެކޭތީ މި ވާހަކަތައް ހިއްސާކޮށްލަނީއެވެ.

ތަންކޮޅެއް ދުރުން ފަށައިގެން މި ވާހަކަ މި ލިޔަނީ، މިކަން ތަފްސީލީ ގޮތެއްގައި ހިއްސާކޮށްލުމުގެ ނިޔަތުގައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އިންތިޚާބު، ޕްރޮގްރެސިވް ކޯލިޝަންގެ (އޭރު، ޕީޕީއެމް، އެމްޑީއޭ، ޖުމްހޫރީ ޕާޓީ އަދި ޢަދާލަތު ޕާޓީ ހިމެނޭ ގޮތަށް) ކެންޑިޑޭޓް ޢަބްދުލް މުޙްސިން ޙަމީދާ ވާދަކޮށް، މިނިވަން މެންބަރެއްގެ ގޮތުގައި ޑރ. ޢަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތެވެ.

2014 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހު، ނިލަންދޫ ދާއިރާގެ ވަރަށް ގިނަ ބައެއްގެ އޭރުގެ އެދުމާއި އެއްގޮތަށް، ޑރ. ޢަބްދުﷲ ޚަލީލް، އޭރު ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. ޑރ. ޢަބްދުﷲ ޚަލީލް، ޕީޕީއެމާ ގުޅިވަޑައިގަތް އެންމެ މުހިއްމު އެއް ސަބަބަކީ ނިލަންދޫގައި އެއަރޕޯޓެއް އެޅުމަށް ސަރުކާރުން ވައުދުވުންކަމުގައި ޑރ. އަބްދުﷲ ޚަލީލް އަޅުގަނޑު ގާތުގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު ވިދާޅުވިއެވެ. ނިލަންދޫގައި އެއަރޕޯޓެއް އަޅާ ވާހަކަ، ރަސްމީ ސިފައެއްގައި މީޑިއާގައި ސަރުކާރުގެ އެއްވެސް ފަރާތަކުން އޭރު ހާމަކޮށްފައި ނުވިނަމަވެސް ކޮންމެ ދުވަހަކުސް ޑރ. ޚަލީލް ދިޔައީ އެކަމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.

2016 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ހއ. ހޯރަފުށީގައި، ގާއިމުކުރެވިފައިވާ ނަރުދަމާގެ ނިޒާމު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅައި ފ. އަތޮޅުގައި ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ގެންދަވަން އުޅުއްވާކަން ހާމަ ކުރެއްވިއެވެ.

"މިއީ 4.5 ބިލިއަނަށްވުރެ ކުޑަނޫން މަޝްރޫޢެއް. މި މަޝްރޫޢަށް ޝައުޤުވެރިކަން ހުށަހަޅާފައި ހުރި ސަރުކާރުތައް އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންނަށް ހުށަހަޅާފައި ހުރި ސަރުކާރުތައް އެބަހުރި. އޭގެތެރެއިން އެއް ސަރުކާރަކީ ހަމަ އެވަރުގެ ބޮޑު އެހެން މަޝްރޫޢެއް ފ. އަތޮޅު ސަރަޙައްދުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެންދާނީ، މިއަހަރުގެ ސެޕްޓެންބަރު މަހު ފެށިގެންދާތަން. އެހެންވީމާ، މިހިރީ މުޅި ދިވެހިރާއްޖޭގެ ލޭންޑްސްކޭޕް ބަދަލުކުރާވަރުގެ ބޮޑެތި މަޝްރޫޢުތައް" ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެ ދުވަހު ވިދާޅުވިއެވެ.

2017 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 24 ނޮވެންބަރު 2016 ގައެވެ.2017 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރިއެވެ. އެ ދުވަހު ބަޖެޓު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ ވޯޓުންނެވެ. މި ބަޖެޓްގައި 2017 ވަނަ އަހަރު ހިންގާ ބޮޑެތި 16 މަޝްރޫޢުގެ ތެރޭގައި ނިލަންދޫގައި އެއަރޕޯޓެއް ގާއިމުކުރުމަށް (ބިން ހިއްކުމާއި އެކު) 171،544،949 ރުފިޔާ ހިމަނާފައިވެއެވެ. މި އަދަދަކީ އެ އަހަރަށް ދައުލަތުން ފާސްކުރި ބަޖެޓްގެ މިއީ ދައުލަތުގެ ބަޖެޓްގެ 2.1 އިންސައްތައެވެ.

2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު، ފ. އަތޮޅު ބޮޑު މަޝްރޫޢޫގެ ވާހަކަ އަނެއްކާވެސް ރައީސް ޔާމީން ތަކުރާރު ކުރެއްވިއެވެ. އެ ދުވަހު އެ ވާހަކަ ރައީސް ދެއްކެވީ ފ. އަތޮޅު މަގޫދޫގައެވެ. ފ. މަގޫދޫ ބަނދަރު ހުޅުއްވައިދެއްވުމާއި، މިސްކިތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ވާހަކަ އަޅުގަނޑު ކޯޓުކޮށްލާނަމެވެ. "އަޅުގަނޑުމެން މިދިޔަ އަހަރުވެސް އިންތިޒާރު ކުރަމުން ގެންދިޔައިން، އެ ބޮޑު ބިޔަ މަޝްރޫޢު މި އަތޮޅުގައި ފެށޭތޯ. އަދި މިހާރުވެސް އަޅުގަނޑުމެން އިންތިޒާރު ކުރަމުން މިގެންދަނީ، އެ ބިޔަ ބޮޑު މަޝްރޫޢު، އޭގެ ސަބަބުން އެތަކެއް ސަތޭކަ ވަޒީފާ އުފެދިގެންގޮސް، މުޅި މި އަތޮޅަކީ، ހަމަ އެންމެ ތަނަވަސް އަތޮޅުކަމަށް ވުމުގެ ފުރުޞަތު އޮތްވަރުގެ ވަރުގަދަ ބިޔަ މަޝްރޫޢެއް، އެ މަޝްރޫޢަކީ. މިއީ ސަރުކާރަކުން ހަމަގައިމުވެސް އަޅުގަނޑުމެންގެ ސަރުކާރަކުން އަޅުގަނޑުމެންގެ ފޯރުންތެރިކަންހުރި މިންވަރަކުން އަޅުގަނޑުމެންނަށް ހިންގޭވަރުގެ މަޝްރޫޢެއް ނޫން. މިއީ ހަމަ މުޅި ދުނިޔެއަށް ހުޅުވައިލެވޭ، މުޅި ދުނިޔޭގެ އެކި ދާއިރާގެ މީހުން ދަތުރުފަތުރުކުރާ މީހުންނާއި އަދި އެނޫން މީހުންވެސް އައިސް، އޭގެ ބޭނުންތައް ހިފޭވަރުގެ، ހަމަ ވަރަށް ނަމޫނާ، ދުނިޔޭގެ ތިން ހަތަރު ދިމާލެއްގައި ކަންނޭނގެ މިކަހަލަ ޓައުންޝިޕެއް، ނޫނީ މިކަހަލަ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް، އެކި ވައްތަރުގެ ޞިނާއަތްތައް ހިމެނޭގޮތަށް ހުރި ތަންތަން، ހަމަ ދެތިން ހަތަރު ތަނެއްކަންނޭނގެ ދުނިޔޭގައިވެސް މިއޮތީ. އެކަހަލަ މަޝްރޫޢެއްގެ ނަމޫނާއަކަށް، ނަކަލަކަށް ބިނާކޮށް، ފ.އަތޮޅަށް ތަރައްޤީގެ މަޝްރޫޢެއް، އެ ބޭފުޅުންގެ ހިތްޕުޅުގެ ތެރޭގައި މިއޮތީ. އަޅުގަނޑުމެންވެސް، ހަމަ މިކަންކަމުގައި އުންމީދު ހެޔޮ. އަޅުގަނޑުމެންވެސް ހަމަ ﷲ އަށް ދުޢާ ދަންނަވަނީ، މިކަންކަން ދިވެހިރާއްޖެއަށް ވެގެންދިޔުން. އަދި މީގެ ސަބަބުން، ފ. އަތޮޅަށް އަޅުގަނޑުމެން ނުދެކޭފަދަ ބޮޑު ތަރައްޤީ އައުން".

ދެން އޮތީ 2017 ވަނަ އަހަރުގެ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނުގައި ރާއްޖޭގެ އެކި އަތޮޅުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުފަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރަޙައްދީ ވައިގެ ބަނދަރުތައް ޤާއިމުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ މަސައްކަތްތަކުގެ ދަށުން ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ފ.ނިލަންދޫ، ގދ. މާވަރުލު، އަދި ގދ. ފަރެސްމާތޮޑާގައި ސަރަޙައްދީ ވައިގެ ބަނދަރު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ދެންވެސް އެ ވާހަކަ ދެއްކެވީ ރައީސް ޔާމީންއެވެ. 2017 ވަނަ އަހަރުގެ މާރިޗު މަހުގެ އެއްވަނަ ދުވަހު، ސައުދީ ސަރުކާރުގެ އިސް ބަޔަކު ފ. އަތޮޅުގައި ފަށަން މަޝްވަރާ ކުރަމުން އަންނަ މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރައްދުދެއްވައި ވިދާޅުވީ، ފ. އަތޮޅަށް އަންނަ މަޝްރޫއާ ދެތެރޭގައި ސުވާލު އުފައްދަން ޖެހޭ ހަމަ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ފަސް ރަށެއްގައި އެއާޕޯޓް ހަދަން 57 މިލިއަން ޑޮލަރަށް މެލޭޝިއާ ބަޔަކާ ހަވާލުކުރީ 2017 ވަނަ އަހަރުގެ މާރިޗު މަހުގެ ހަތްވަނަ ދުވަހުއެވެ. މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަން ކިޔާ ކުންފުންޏަކާ އެ ދުވަހު ހަވާލުކުރީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ފ. ނިލަންދޫ އާއި ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓް ހެދުމަށެވެ. މި ފަސް ރަށުގެ ތެރެއިން ނިލަންދޫ ފިޔަވައި އަނެއް ހަތަރު ރަށުގައި މިހާރު އެއަރޕޯޓް އަޅައި އޮޕަރޭޓް ކުރަމުންދާކަން ލިޔުމުގެ މި ހިސާބުން މި ފާހަގަކޮށްލުމަށް ފަހު އަނެއްކާވެސް ކުރިއަށް ދާނަމެވެ.

2017 ވަނަ އަހަރުގެ މާރިޗު މަހުގެ ހަތްވަނަ ދުވަހު، ފަސް ރަށެއްގައި އެއާޕޯޓް ހަދަން 57 މިލިއަން ޑޮލަރަށް މެލޭޝިއާ ބަޔަކާ ހަވާލުކުރި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޓުވަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. މިއަދު މިނިސްޓަރ ޒަމީރަކީ ފޮރިން މިނިސްޓަރެވެ. ގްރިފޮން ކުންފުނިން އެ އެބަސްވުމުގައި ސޮއިކުރެއްވީ ޗީފް ކޯޕަރޭޓް އޮފިސާ ޑީކް ޔޯހާން ކުއިންޓެން ކިޔާ ބޭފުޅެކެވެ. ސޮއި ކުރުމުގެ މި ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ އޭރުގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދުވަހަކީ ނިލަންދޫގައި އުފާފާޅު ކުރި ދުވަހެއްކަން ގިނަ ބަޔަކު ހަނދާން ހުންނާނެއެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ފަސް ރަށުގައި އަޅާ އެއާޕޯޓުތައް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވާނެކަމަށެވެ. ކުރިންވެސް އިޝާރާތް ކުރިހެން، ނިލަންދޫ ނޫން އަނެއް ހަތަރު ރަށުގައި މިހާރު އެއަރޕޯޓް އަޅައި ފްލައިޓް ޖައްސައެވެ.

ފ. އަތޮޅުގައި ސައުދީ އަރަބިއްޔާއިން ހިންގަން އުޅުނު ބިޔަ މަޝްރޫއު އިތުރަށް ކުރިޔަށް ނުގެންދެވިދާނެ ފަދަ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ކުރެއްވި 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރުމަށް ބޭއްވި ހަފްލާގައި، ފ. އަތޮޅުގައި ސައުދީ އަރަބިއްޔާއިން ހިންގަން އުޅޭ މަޝްރޫއާ ބެހޭގޮތުން ސުވާލުކުރުމުން، ރައީސް ޔާމީން ވިދާޅުވީ، ފ. އަތޮޅުގެ މަޝްރޫއަކީ އެމަނިކުފާނު ޒިންމާ އުފުއްލަވަންޖެހޭ ޕްރޮޖެކްޓެއް ނޫން ކަމަށެވެ.

އަނެއްކާވެސް އަޅުގަނޑު ކޯޓެއްކޮށްލާނަމެވެ. "އަޅުގަނޑު ޒިންމާ އުފުލަންޖެހޭ ޕްރޮޖެކްޓެއް ނޫން ތިއީކީ. އަޅުގަނޑު އުޅުނީ ރައްޔިތުންނަށް ފައިދާހުރި، ބޮޑު މަސައްކަތެއް ކޮށްދޭން. ރާއްޖޭގެ ހުރި ހުރިހާ ސިޔާސީ ލީޑަރުން އެކަމާ ދެކޮޅު ހެދީ،" ރައީސް ޔާމީން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ވިދާޅުވިއެވެ.

ދެން މި އަންނަނީ ރައީސް ޔާމީންގެ މި އިޝާރާތް ކުރި ވާހަކައަށް ފަހު، މުޅި އެތި ބަދަލުވާން ފެށި ހިސާބެވެ. ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީކުރަން މެލޭޝިއާ ކުންފުންޏަކާއެކު ސޮއިކުރި އެއްބަސްވުން ބާތިލުނުކުރާ ކަމަށާއި އެ އެއާޕޯޓުތަކުގެ މަސައްކަތް ނުފެށި ލަސްވަނީ ލޯނު ހަމަނުޖެހިގެން ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނީ 22 އޮގަސްޓް 2017 ގައެވެ. ރީޖަނަލް އެއަރޕޯޓްސްގެ މިހާރުގެ އެމްޑީއަކީ މި ވާހަކަ އެ ރީޖަނަލް އެއަރޕޯޓްސްއިން ބުނިއިރު، ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީންއެވެ.

ފަސް ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ހަދަން ސަރުކާރުން ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުން އެއްބަސްވުން ބާތިލުކުރި ހަބަރު އިވިގެން ދިޔައީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނެރަލް ސާމީ އަގީލް އެ ދުވަހު ވިދާޅުވީ ފަސް އެއާޕޯޓް ހަދަން ހަވާލުކުރި މެލޭޝިއާގެ ގްރިފޮން އެނާޖީއާއެކު ހެދި އެއްބަސްވުން 2017 ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު އުވާލީ ދެވަނަ ފުރުސަތެއް ދިނުމުން ވެސް ފައިސާ ހަމަނުޖެހިގެން ކަމަށެވެ.

2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު، 2018 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓުގައި ފައިސާ ހިމަނާފައި އޮތީ ހަމައެކަނި މިވަގުތަށް އެންމެ މުހިންމު ހަތަރު ރަށުގެ އެއާޕޯޓު އެޅުމަށް ކަމަށް އޭރުގެ ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވިއެވެ. އެރަށް ތަކަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ. ނިލަންދޫ އަދި ގދ. މާވަރުލުގައި އަޅާ އެއަރޕޯޓްއެވެ.

ފ. އަތޮޅުގައި ހިންގަން ޝައުގުވެރިކަން ފާޅުކުރި ތަރައްގީގެ "ބޮޑު" މަޝްރޫއު ހުއްޓިގެން ދިޔައީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ 2018 ވަނަ އަހަރުގެ ބަޖެޓުގައި ނިލަންދޫ އެއަރޕޯޓް ހިމަނައި މަޖިލީހަށް ބަޖެޓް ފޮނުވިތާ އެއް ދުވަސް ފަހުންނެވެ. މިއީ އެއަރޕޯޓްގެ ވާހަކަ ބަދަލުވީ ހިސާބުގެ ފެށުން ކަމަށް އަޅުގަނޑަށް ފާހަގަވިއެވެ. 2017 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ސާފުކޮށް ނިލަންދޫގެ ނަން ވިދާޅުވެ އެއަރޕޯޓް ވާހަކަ ގެންނެވި ނަމަވެސް ޖެހިގެން އައި އަހަރުގެ ރިޔާސީ ބަޔާނުގައި ނިލަންދޫގެ ނަމެއް ނައެވެ. ރައީސް ޔާމީންގެ އެންމެ ފަހު ރިޔާސީ ބަޔާނުގައި، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 21 ވަނަ ދުވަހު ވިދާޅުވި ރަށްތަކުގެ ތެރޭގައި ނިލަންދޫ ނުހިމެނެއެވެ. " ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުކުރެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އިރާދަކުރެއްވިއްޔާ މިއަހަރު ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މާފަރު އަދި ގދ. މާވާރުލުގައި ޑޮމެސްޓިކް އެއަރޕޯޓް ޤާއިމުކޮށް ނިމޭނެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، ސަރަޙައްދަށް ޓޫރިޒަމް ފުޅާކޮށް، ތަނަވަސްކަން އިތުރުކުރުމުގެ ގޮތުން ހއ. ހޯރަފުށީ ކައިރީގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ".

އަޅުގަނޑަކީ ކަންކަމާ އަބަދުވެސް ސުވާލު ކުރާ ހިތްވާ މީހެއް ކަމުން، އެއަރޕޯޓް ކަންތަކުގައި ސީދާ ރައީސް ޔާމީންގެ އަރިހުން އެކަމުގެ މައުލޫމާތު އޮޅުން ފިލުވުމަށް ބޭނުންވިއެވެ. އެހެންވެ އެ މައުލޫމާތު ރައީސް ޔާމީންގެ އަރިހުން ހޯދީމެވެ. ރައީސް ޔާމީންގެ އަރިހުން އަޅުގަނޑު އެ މައުލޫމާތު ހޯދީ، ސީދާ އެ މަނިކުފާނާ ވާހަކަ ދައްކައިގެންނެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއާ އަޅުގަނޑާ ދެމެދު ދެކެވުނު ވާހަކައެއް ކަމުން އެކަމުގެ ތަފްސީލަކަށް މިތާގައި އަޅުގަނޑު ނުދާނަމެވެ. ރައީސް ޔާމީން ވިދާޅުވި ވާހަކައަކާ ގުޅިގެން އެ މަނިކުފާނު ވިދާޅުވި ބޭފުޅެއްގެ އަރިހުގައިވެސް އެކަމާ ގުޅޭ ގޮތުން ސުވާލު ކުރީމެވެ. އެކަމަކު ޖަވާބެއް ނުލިބުނެވެ.

މިހާރު މިއީ އޭގެ ފަސް އަހަރު ފަހެވެ. އޭގެ ފަހުން ރިޔާސީ ދައުރެއް ނިމިއްޖެއެވެ. އަނެއްކާވެސް އެއަރޕޯޓްގެ ވާހަކަ މިވަނީ ތިލަވެފައެވެ. ފ. އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އަޅަން އަނެއްކާވެސް ބަޖެޓުގައި ހިމަނައިފިއެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް އިއްޔެ ފޮނުވާފައިވާއިރު، އެ ބަޖެޓުގައި ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް 20 މިލިއަން ބަޖެޓްކޮށްފައިވެއެވެ. ބަޖެޓް ކޮމިޓީން ނިންމާފައިވަނީ 2024 ވަނަ އަހަރު ނިލަންދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ ޕްރޮޖެކްޓަށް 20 މިލިއަން، 2025 ވަނަ އަހަރު 1 މިލިއަން އަދި 2026 ވަނަ އަހަރު އެކަމަށް ބައި މިލިއަން ރުފިޔާ، ޕަބްލިކް ސެކްޓަ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ތެރެއިން ހަރަދު ކުރާށެވެ. އެކަމަކު މި އަދަދުތައް ހިމެނުއްވި ގޮތާމެދު އަތޮޅުގެ އަނެއް މެންބަރުވަނީ މަޖިލީހުގައި ސުވާލު އުފައްދަވާފައެވެ. ރައްޔިތުން މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމްވަނީ ބަޖެޓުގައި ނިލަންދޫގެ އެއަރޕޯޓަށް ފައިސާ ހިމަނާފައިވަނީ އިހުލާސްތެރިކަމާއެކުތޯ ސުވާލު އުފައްދަވާފައެވެ.

މަގޫދޫގައި އެއަރޕޯޓެގެ %70 އަޅާފައި އޮއްވާ އެކަން ނުނިންމާ އަނެއްކާވެސް 5 މިނެޓުން ދެވޭ އަނެއް ރަށުގައި40 މިލިއަން، ނިލަންދޫގައި ވޯޓަށްޓަކައި އެއަރޕޯޓެއް ޖަހާފައި ހިމަނާފައި އެބައޮތް. އެހެންވީމަ މިހިރަ ކަންކަން ކުރީމާ ފުށި ދިއްގަރުކަގެ ކަމަކީވެސް އިހްލާސްތެރިކަމާއި އެކީ ކުރިކަމެއްގެ ގޮތުގައި އަޅުގަނޑަކަށް ނުފެނޭ. ބިލެތްދޫ ދައިރާގެ މެމްބަރުން އަހްމަދު ހަލީމް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވިއެވެ.

ނިލަންދޫ އެއަރޕޯޓާ ގުޅޭ ގޮތުން އަޅުގަނޑަށް ފާހަގަ ކުރެވުނު ކަންކަން ލިޔުމައް ތިރިކޮށްފައި ބެހެއްޓުން ނޫން އެހެން އެއްވެސް ނިޔަތެއް މި މަޒުމޫނަކު ނެތެވެ. މި މަޒުމޫނުގައިވާ ކަންކަމާ މެދު ކޮމެންޓެއް އޮތް ނަމަ އަޅުގަނޑަށް ފޮނުއްވައި ދެއްވާށެވެ. އަޅުގަނޑުގެ އީމެއިލް އެޑްރެހަކީ hello@ameenfaisal.com އެވެ.