ރައީސް މައުމޫންގެ "ސޫރަތުގެ ރަންހާރު" ޅެންބައި

"ސޫރަތުގެ ރަންހާރު" މިއީ 32 ބައިތުގެ މައްޗަށް އެކުލެވޭ ގޮތަށް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހައްދަވާފައިވާ ޅެމެކެވެ. މި ޅެން 26 ޖޫން 1999 ގެ ތާރީޚުގައި އޮތް ނަމަވެސް، މި ޅެން އެންމެ ފުރަތަމަ ޝާއިއުކުރެވިފައިވަނީ، 1999 ވަނަ އަހަރުގެ އޮގަސްޓް މަހު ނުކުތް، ފަތްތޫރައިގެ 245 ވަނަ އަދަދުގައެވެ. އެއީ ވޮލިއުމް 21، ނަންބަރު 5 ވަނަ އަދަދެވެ.

ފަތްތޫރައިގެ އެ އަދަދުގައިވާ ގޮތުން، "ސޫރަތުގެ ރަންހާރު" މިއީ ރައީސް މައުމޫން ހެއްދެވި ޅެންތަކުގެ ތެރެއިން ޝާއިއުކުރެވުނު ފުރަތަމަ ޅެމެވެ. ފަތްތޫރައިގެ ދެންނެވުނު އަދަދުގައި، "ސޫރަތުގެ ރަންހާރު" މި ޅެން ޝާއިއުކުރެއްވި އިރު، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ލިޔުއްވާފައިވެއެވެ.

"ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހައްދަވާފައިވާ "ސޫރަތުގެ ރަންހާރު" މި ފުރިހަމަ ފަށުވިދިގު ޅެމަކީ ޤުރުއާނުގައި ހުރި ތަރުތީބުން ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ނަންތައް ޅެމުން އެކުލަވައިލައްވައިފައިވާ ދިވެހި ޤުރުއާނު ޅެން ބައެކެވެ. ދިވެހީނަށް މިހައިތަނަށް ފެނިފައި ވަނީ ޢަރަބި ބަހުން ދިވެހި ޅެންވެރިއަކު ހައްދަވާފައި އޮތް ޤުރުއާނު ޅެން ބައެކެވެ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މިހައިތަނަށް ހަތަރު ފަސް ޅެމެއް ހައްދަވާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ޅެމެއް ޝާއިއުކުރައްވާފައެއް ނެތެވެ. 32 ބައިތުގެ މި "ސޫރަތުގެ ރަންހާރު" އަޅުގަނޑުމެންނަށް ހާމަކޮށްދިން ހަގީގަތަކީ، އެމަނިކުފާނަކީ ހަމައެކަނި މޮޅު އަދީބެއް ނޫން ކަމެވެ. އަދި ކީއްތޯއެވެ. އެމަނިކުފާނަކީ ކުޅަދާނަ ޅެންވެރިއެއްވެސް މެއެވެ.

މި ޅެންބައި ޢާއްމުންނަށް ފުރަތަމަ އިވިގެން ދިޔައީ ޤުރުއާން ކިޔެވުމުގެ 14 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެމަތީ މަޖިލީހުން 1 ޖުލައި 1999 (17 ރަބީޢުލްއައްވަލް 1420) ދުވަހުގެ ރޭ އެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިޒުނަފުޅާއި އެކު މި ޅެންބައި އިއްވައިދެއްވީ އެމަނިކުފާނުގެ އެގްޒެކެޓިވް ސެކްރެޓަރީ އަލްފާޟިލް ޢަބްދުﷲ ޝާހިދެވެ".

ޢަބްދުލްޙަކީމް ޙުސައިން މަނިކުގެ ލިޔުއްވުމެއްގައި ރައީސް މައުމޫން ހައްދަވާފައިވާ "ސޫރަތުގެ ރަންހާރު" މި ޅެމާއި ގުޅޭ ގޮތުން ވިދާޅުވެފައިވެއެވެ. "އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހެއްދެވި ސޫރަތުގެ ރަންހާރު ބަލައި ފިކުރުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެނގުނު އެއްޗަކީ، ރާއްޖޭގައި މި ގަރުނުގައި އުފެދުނު ޝާއިރުންގެ ތެރެއިން އެންމެ ފުންނާބު އުސް އެއް ބޭފުޅަކީ އެ މަނިކުފާނުކަމެވެ. މިހެން ބުނުމުން ފަޟީލަތުއްޝައިޚް ޙުސެއިން ޞަލާޙުއްދީނާއި އައްސައްޔިދު ބޮޑު ފެންވަޅުގޭ ސީދީއަށް އިހްތިރާމް ކުޑަކުރެވުނީ ކަމަކަށް ނުދެކެމެވެ. އިންސާފުގެ ނަޒަރުން ބަލާއިރު އެ ބޭފުޅުންނާއި އެއް ސަފުގައި މައުމޫންވެސް ހިމެނުނީއެވެ".

ބިސްމީގެ މަތިވެރި ބަސްތަކުން ޙަމްދަށް ފަހުން ފަށަމޭ މިޅެން

ޖިސްމާއި ރޫޙުން ކައުނަބިއްޔާ ސާހިބަށް ކުރަމުން ވެދުން

މަތީގައި މި ބަޔާން ކުރީ 32 ބައިތުގެ މައްޗަށް އެކުލެވޭ ގޮތަށް ރައީސް މައުމޫން ހައްދަވާފައިވާ، "ސޫރަތުގެ ރަންހާރު" މި ޅެމުގެ އެންމެ ފުރަތަމަ ބައިތެވެ. މި ބައިތުގެ ތައާރަފެއް ދެއްވަމުން، ޢަބްދުލްޙަކީމް ހުސެއިން މަނިކު ވިދާޅުވެފައިވެއެވެ. "މި ބައިތަށް ވިސްނާލާއިރު، އެ މަނިކުފާނު އިސްލާމްދީނަށާއި ދިވެހި ބަހަށް ހުރުމަތްތެރިކޮށް ހިއްތަވާވަރު ވަރަށް ރަނގަޅަށް އެނގެއެވެ. ހަމަ އެއާއެކު ދިވެހި ޅެންވެރިކަމުގެ ހުރިހައި ފުރިހަމަކަމެއް މި ދެ ބައިތުގައި އެކުލެވިގެންވެއެވެ.

އިސްލާމީ އުޞޫލުން ކޮންމެ ކަމެއް ފަށާއިރު ބިސްމި ކިޔާން ޖެހެއެވެ. އެއަށް ފަހުގައި ޙަމްދު ޞަލަވާތް ވެސް ކިޔަވާން ޖެހެއެވެ. މި ދެ ކަންތައްވެސް މިއޮތީ ކިތައްމެ ފުރިހަމަކޮށްވެސް ވެނިމިފައެވެ". އާދޭހެވެ. ޢަބްދުލްޙަކީމް ޙުސެއިން މަނިކު ވިދާޅުވެފައިވާ ފަދައިން، "ސޫރަތުގެ ރަންހާރު" މި ޅެމުގެ އެންމެ ފުރަތަމަ ބައިތުންވެސް ރައީސް މަޢުމޫންގެ އަދަބިއްޔާތުގެ މުއްސަނދިކަން ކިތައްމެހައި ވެސް ފުރިހަމައަށް ފާހަގަވެއެވެ.

ބަހުސްގެ ބޭނުމަށް މި ޅެމުގެ އިތުރު ދެ ބައިތެއް ވެސް ހިއްސާކޮށްލާނަމެވެ. މި ފަހަރު މި ހިއްސާކޮށްލަނީ ޅެމުގެ މެދުތެރެއިން ބައިތަކާއި އެންމެ ފަހު ބައިތެވެ.

ޝައްކެއް ނުވާ ގަދަ ޙާއްޤައާ، މަތިވެރި މަޢާރިޖް ދެންވެޔޭ

ހެއްކެއް ކަމަށްވާ ނާކޮޅޭ ނޫހުގެ ވި ޢިބްރަތަކީ އެޔޭ

މި ބައިތަށް ބަލާއިރު ވެސް ޢަޖުޒާއި ޞަދުރު އެއް ގޮތެވެ. ވަޒަނަށް ފެތެއެވެ. ސޫރަތްތަކުގެ ތަރުތީބުން ގެނެސްދީފައިވަނީ އަޑު އަހާލަން ފަސޭހަ ގޮތަކަށް އަދި ޤުރުއާނުގައި އެ ސޫރަތްތަކުގެ ވާހަކަ އައިސްފައިވާ ގޮތުގެ ކުޑަ ޚުލާސާއެއް ވެސް ހިމެނޭ ގޮތަށެވެ. ކީރިތި ޤުރުއާނުގައި އައިސްފައިވާ ނޫޙޫގެފާނުގެ ވާހަކައިގާ ބަޔާންކޮށްފައިވާ ނާކޮޅުގެ ވާހަކަ ގެނެސްދީފައި ވަނީ ވިސްނައި ފިކުރުކުރާ ބަޔަކަށް އިބުރަތަކަށް ވާނެ ގޮތަކަށެވެ. ނޫހުގެފާނުގެ ވާހަކައާއި ނޫހުގެފާނުގެ ނާކޮޅުގެ ވާހަކައަކީ، އިސްލާމީ ހަޟާރަތާއި ކީރިތި ޤުރުއާނުގައި އައިސްފައިވާ ރަސޫލުންނާއި ނަބީބޭކަލުންގެ ވާހަކަތައް ރަނގަޅަށް އެނގޭނެ އިލްމުވެރިއަކަށް ނޫނީ އެނގޭނެ ވާހަކަތަކެއް ނޫނެވެ. އަދި އެ ވާހަކަތައް ކުރުކޮށް ފޮނިކޮށް، ޅެމެއްގައި ގެނެސްދެވޭނީ ޤުރުއާނުގެ އިލްމާއި ޅެންވެރިކަމުގެ ހުނަރު ފުރިހަމައަށް ގުޅިލާމެހޭނެ ފަދަ ވިސްނުންފުޅެއް ހުންނަވާނެ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ފަދަ އިލްމުވެރިއަކަށެވެ.

ނަންތައް މި ހާރަށް އެމުނުމަށް ދެއްވެވި އިލާހީ ނިޢުމަތަށް

ޙަމްދާ ޝުކުރު ކުރަމޭ ހިތުން ރައްބީގެ މަތިވެރި ހަޟްރަތަށް.

ޅެމުގެ ފުރަތަމަ ބައިތު ބިސްމީގެ ބަރަކާތުން ފެށްޓެވި ގޮތަށް، ޅެން ނިންވާލައްވާފައިވަނީ، ގަދަ ކީރިތި ވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ހަމްދާއި ޝުކުރު ދަންނަވަމުންނެވެ. މުޅި ޅެން ފެށިގެން ނިމެންދެން، ރީތި ވާހަކައެއްގެ ގޮތަށް، ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބުން ހާރެއްގެ ސިފައިގައި ގަތާލާފައިވަނީ ނިކަން ފުރިހަމައަށެވެ. ޅެންވެރިކަމުގެ ހުރިހާ ގަވާއިދަކާއި ހަމައަކަށް، ހަމަ އެންމެ ފުރިހަމައަށް ތަބާވާނެ ފަދަ ގޮތަކަށެވެ .

ޅެންވެރިކަމުގެ އުސްލޫބު ގެންގުޅެފައިވާ ގޮތް

ދެންނެވުނު ބައިތުތަކަށް އަދި ޖުމްލަކޮށް މުޅި ޅެމަށް ނަޒަރު ކުރާއިރު، މުޅި ޅެމުގެ ވެސް ފަށުއިކަން ފާހަގަ ކުރެވެއެވެ. ޢަޖުޒާއި ޞަދުރު އެއް ގޮތެވެ. ވަޒަނަށް ފެތެއެވެ. މުޅި ޅެމުގައި ފުން މާނައެއް އެކުލެވެއެވެ. ޖަޒުބާތު ހިމެނޭކަން ސާފުވާ ހަގީގަތަކީ ޅެން ކިޔަމުން ދާއިރު ހީބިހި ނަގައިގެންދާ ދިއުމެވެ. މުޅި ޅެމުގެ ރާގާއި ހަމަ ހިފެހެއްޓިފައިވަނީ ހިކުމަތްތެރިކަމާއި އެކުއެވެ. ހުރިހާ ބައިތެއްގައިމެ އެއް އަދަދަކަށް ފިލިހުރުމުން މުޅި ޅެން ވެސް ހަމަ އެންމެ ފުރިހަމައަށް ވަޒަނަށް ފެތެއެވެ.

ބަނޑުވައް އަކުރުތައް އެއް ގޮތެވެ. މިސާލަކަށް ފުރަތަމަ ބައިތުގައި އެވާ ގޮތަށް "ބިސްމީގެ" އަދި "ޖިސްމާއި" މި ގޮތަށް ޢަޖުޒާއި ޞަދުރު މުޅި ޅެމުގައިވެސް އެއްގޮތްކަން ފާހަގަ ކުރެވެއެވެ. 32 ބައިތުގައި ޢަޖުޒާއި ޞަދުރު އެއްގޮތް ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. 32 ބައިތުގެ އެ އެއް ގޮތްކަމާއި ތަރުތީބު ރަމްޒުކޮށްދެނީ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އަދަބިއްޔާތުގެ ފުރިހަމަ ވިސްނުންފުޅެވެ.

ޅެމުގެ އެތެރެފުށުގެ ފޭރާން އަދި ޅެމުގެ ބެރުފުށުގެ ފޭރާން ހުރި ގޮތާއި އެމުނިއެކުލެވުން ހުރިގޮތަށް ބަލާއިރު، "ސޫރަތުގެ ރަންހާރު" މި ޅެމަކީ ނަމޫނާ ޅެމެކޭ ދެންނެވިދާނެއެވެ. މިއީ ހަމަ ހަގީގަތުގައިވެސް ޅެންވެރިކަމުގެ ހުރިހާ ސިފަތަކެއް އެންމެ ފުރިހަމައަށް އެކުލެވިފައިވާ އާދަޔާ ޚިލާފު ފުރިހަމަ ޅެމެކެވެ.

ޅެންވެރިކަމުގެ ހުރިހާ ހަމަތަކަކުން ކިރައި މިން ކުރި ނަމަވެސް ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމަކީ ދިވެހި އަދީބުންގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭނެ އަދީބެއް ކަމާއި މެދު ދެބަސްވުމެއް އޮތް ކަމަކަށް ނުދެކެމެވެ. އަދި ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން "ސޫރަތުގެ ރަންހާރު" މި ޅެމަކީ ދެވަނައެއް ނުވާ ފަދަ ފުރިހަމަ ޅެމެކޭ ދެންނެވުމަކީ އެހެން ޅެންވެރިންނާއި، އެހެން ޅެންތަކަށް ބުނެވޭ ދެރަބަހެއްކަމުގައި ނުދެކެމެވެ.

"ސީރަތުގެ ރަންހާރޫ" އަކީ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމުގެ ފުރިހަމަ މަސައްކަތްޕުޅެކެވެ. ތައުރީފު ހައްގު މަސައްކަތްޕުޅެކެވެ. އަޅުގަނޑު ކަހަލަ، މުޅިން އަލަށް މިކަން ދަސްކުރަން މަސައްކަތް ކުރާ މީހަކަށް ފާޑެއް ނުވެސް ކިޔޭނެ ފެންވަރުގެ މޮޅު ޅެމެކެވެ.

"ސޫރަތުގެ ރަންހާރު" މި ޅެމަށް ޚާއްސަކޮށް ފޯކަސްކޮށްގެން އަދަބީ ގޮތުން އެއްޗެއް ދެންނެވޭތޯ މަސައްކަތް ކުރި ނަމަވެސް ރައީސް މައުމޫންގެ ޅެންވެރިކަމުގެ އެހެން ރާގުތައް ވެސް ހިއްސާކޮށްލާނަމަވެ. އެ މަނިކުފާނުގެ ޅެންތަކުގެ ތެރޭގައި ދީނީ ޅެންތަކުގެ އިތުރުން، ގައުމީ މުނާސަބުތަކާއި ގުޅޭ ޖޯޝުން ފުރިގެންވާ ޅެންތަކާއި، އެކިއެކި ދުވަސްތަކާ ގުޅިގެން ހައްދަވާފައިވާ ޅެންތަކުގެ އިތުރުން އިޝްޤީ ޅެންތައް ވެސް ހިމެނެއެވެ.

ޤައުމީ ޖޯޝް އުފެދޭ ޒާތުގެ ޅެންތަކަށް ބަލާއިރު، "ހިނގާ ހޯދަމާހޭ- ތަރައްޤީ މި ޤައުމަށް" މިއީ ފާހަގަކޮށްލެވޭ ޅެމެކެވެ. އެކިއެކި މުނާސަބުތަކާއި ގުޅިގެން ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން 2000 ވަނަ އަހަރު ހައްދަވާފައިވާ "ހިތްތަކުގެ މާމެލާމެލި" މިއީ ވެސް ފާހަގަކޮށްލެވޭ ޅެމެކެވެ.

އިޝްގީ ދާއިރާއަށް ނަޒަރު ކުރާނަމަ، އަލީ ރަމީޒު ރިކޯޑް ކުރައްވާފައިވާ "ޔާރުގެ ނަލަކަން ހިތާއި ކުޅެލީ" މިއީވެސް އާދަޔާ ޚިލާފު ހިތްގައިމު، އަދި އަދަބީ ގޮތުން ފޭރާން ހެޔޮ އަދި އެ ޅެމެއްގައި ޖަޒުބާތު ފުރި އުތުރި އަރާ ފެންވަރުގެ ޅެމެކެވެ. ދީނީ ޅެންތަކަށް ބަލާއިރު، "ސޫރަތުގެ ރަންހާރު" ގެ އިތުރުން "އެންމެ މާތް ދަތުރު" މިއީވެސް ދިވެހިންގެ މެދުގައި މަގުބޫލު، އަދި ޅެންވެރިކަމާއި އަދަބީ ހަމަތަކަށް ބަލާއިރު އެންމެ މަތީ ފެންވަރުގައި ގުނޭނެ ޅެމެވެ.

އިސްވެ ބަޔާން މިކުރެވުނު ކަންކަން އެހެން ހުރުމުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ފާހަގަ ކުރެވެނީ ސީދާ ވަކި ބާވަތެއްގެ ޅެންތަކެއް ހައްދަވާފައިވާ ބޭފުޅެއްގެ ގޮތަކު ނޫނެވެ. އެހެންނަމަވެސް އެ މަނިކުފާނުގެ ތަނަވަސް ވިސްނުންފުޅުން އެކި ބާވަތް ބާވަތުގެ، އެކި މައުޟޫއުތަކުގެ ޅެންތައް އެކި ދާއިރާތަކަށް ޚާއްސަކޮށް ހައްދަވާފައިވާ ކަން ފާހަގަ ކުރެވެއެވެ.

މި މަޒުމޫނަކީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި، ނޫސްވެރިކަމުގެ ދާއިރާއިން އަޅުގަނޑު ކިޔެވިއިރު، އެސައިންމަންޓަކަށް ލިޔުނު މަޒްމޫނެއްގެ ކުރު ހުލާސާއެކެވެ. އެއީ، ޅެންވެރިކަމަށް އަދަބީ ގޮތުން ފާޑު ކިޔުމުގެ އެސައިންމެންޓެކެވެ. ނިންމާލުމުގެ ކުރިން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލެކްޗަރަރ، އަޅުގަނޑުގެ އުސްތާޛު، އަހްމަދު ހާޝިމްއަށް ޝުކުރު ދަންނަވަމެވެ.