އިންޑިޔާގެ އާރުޓީއައި ތަޖުރިބާކުރުމުގައި ހަފްތާއެއް

މާލޭގައި ހުންނަ އިންޑިޔާ އެމްބަސީއާ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ގުޅިގެން އިންތިޒާމް ކުރި، ފަސް ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް ނިއުދިއްލީގައި ފުރިހަމަ ކުރުމުގެ ފުރުސަތު ދެއްވީތީ، އިންޑިޔާ ހައިކޮމިޝަނަށް އަދި އިންފޮމޭޝަން ކޮމިޝަނަރަށް ހިތުގެ އިހުލާސްތެރި ޝުކުރު އަދާކުރަމެވެ.

ރާއްޖޭގެ އެކި އިދާރާތަކުން ވިއްސަކަށް އިންފޮމޭޝަން އޮފިސަރުންނާ އަދި އިންފޮމޭޝަން ކޮމިޝަނަރާ، އެ އޮފީހުގެ އިސް ބަައެއް މުވައްޒަފުންނާއެކު ހަފްތާއެއްހާ ދުވަހަށް އިންޑިޔާއަށް ކުރި ދަތުރުގައި އިންޑިޔާގެ އާތުޓީއައި އެކްޓާ ގުޅޭ ވަރަށް ގިނަ ކަންކަން ދަސްވިއެވެ.

އިންޑިޔާގައި އާރުޓީއައި ގާނޫނެއް ވުޖޫދުވެ އެއަށް އަމަލު ކުރަން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ. އިންޑިޔާގެ އާރުޓީއައި ގާނޫނުގެ ދަށުން އިންޑިޔާގެ މަރުކަޒީ ސަރުކާރުތަކުގެ އިތުރުން ސްޓޭޓް ސަރުކާރުތަކުންވެސް މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ. ރާއްޖޭގައި 21 ދުވަހުން ފޯރުކޮށްދޭން ޖެހޭ ކަމަށް ގާނޫނުގައި މުއްދަތު ކަނޑައަޅާފައި އޮތް ނަމަވެސް އިންޑިޔާގައި އޮންނަނީ އެ މުއްދަތު 30 ދުވަހަށެވެ.

އިންޑިޔާގައި މަރުކަޒީ އިންފޮމޭޝަން ކޮމިޝަނެއް އުފެދިފައިވާއިރު، މި ކޮމިޝަނުގެ އިހްތިސާސް ހުރިހާ މަރުކަޒީ ޕަބްލިކް އޮތޯރިޓީތަކަށް ވަނީ ފުޅާވެފައިވެފައެވެ. އިންޑިޔާގެ އާރުޓީއައިގެ ގާނޫނުގައި ބަޔާންކޮށްފައިވާ ވަކި ބާރުތަކެއް އެ ކޮމިޝަނަށް ލިބިގެންވެއެވެ. މި ކޮމިޝަންގެ ރެކޯޑް ބެލެހެއްޓުމަށް އަދި މައުލޫމާތަށް އެދި ހުށަހެޅުމަށް ވަރަށް ފުރިހަމަ އޮންލައިން ޕޯޓަލެއް ގާއިމްކޮށްފައިވެއެވެ. މިއީ ރާއްޖޭގައި ބޭނުންކުރާ މަހޯލި ޕޯޓަލް ކަހަލަ ޕޯޓަލްއެކެވެ. އެކަމަކު ރާއްޖޭގައި ބޭނުންކުރާ މަހޯލި ޕޯޓަލްއާ އަޅައި ބަލާއިރު އެތައް ގޮތަކުން އިންޑިޔާގެ ފުރިހަމަ ޕޯޓަލެއްކަން ފާހަގަ ކުރެވުނެވެ.

އިންޑިޔާގައި ފަސް ދުވަހުގެ ޓްރެއިންގ ޕްރޮގްރާމެއް ފުރިހަމަ ކުރިއިރު، ހުރިހާ ސެޝަންތަކެއް ނަންގަވައިދެއްވުމަށް ވަޑައިގެންނެވީވެސް ވަރަށް އިލްމީ، ވަރަށް ގާބިލް ޕްރޮފެސަރުންނެވެ. ގިނަ ޕްރޮފެސަރުންނަކީ ސަރުކާރުގެ އިސް މަގާމްތަކުގައި 20-30 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭބޭފުޅުންނެވެ. ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިޔާގެ ސިވިލް ސަރވަންޓުން ތަމްރީން ކުރާ މަރުކަޒުތަކުގެ ތެރެއިން، ވެރިރަށް ނިއުދިއްލީގައި ގާއިމްކޮށްފައިވާ ދެ މަރުކަޒެއްގައެވެ.

ސެޝަންތަކުގެ އިތުރުން، އިންޑިޔާގެ ސެންޓްރަލް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ޒިޔާރަތްކޮށް އެތަނުގެ އެންމެ އިސްވެރިންނާ ބައްދަލުކޮށް އިންޑިޔާގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދޭ ފަރާތްތަކުން އަމަލު ކުރަން ޖެހޭ ގޮތްތަކާއި އަދި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ބާއްވާ އަޑުއެހުންތައް ކުރިއަށްދާ ގޮތް އޮޅުން ފިލުވުނެވެ. މިއީ އަޅުގަނޑުގެ ރަސްމީ މަސައްކަތުގެ ދާއިރާއާ ގުޅޭ މުހިއްމު ތަޖުރިބާތަކެކެވެ.

ސެންޓްރަލް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ކުރި ޒިޔާރަތުގެ ތެރެއިން އެނގުނު މުހިއްމު އެއް ކަމަކީ، އެ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ބޭއްވޭ އަޑު އެހުންތައް ރެކޯޑް ނުކުރާ ކަމެވެ. އޮންލައިންކޮށް ބޭއްވިނަމަވެސް އަދި މައްސަލައިގައި ހިމެނޭ ފަރާތްތައް އެ އިދާރާއަށް ހާޒިރުކޮށްގެން ބޭއްވުނު ނަމަވެސް އެއްވެސް ބައްދަލުވުމެއް ރެކޯޑެއް ނުކުރެއެވެ. އެކަމަކު މައްސަލައާ ގުޅޭ ހުރިހާ މުހިއްމު ލިޔެކިޔުންތަކާއި ނިންމުންތަކުގެ އަސްލު، ވަކި މުއްދަތެއް ވަންދެން އާކައިވް ކުރެވެއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ދެ ފަހަރެއްގެ މަތިން، އިންޑިޔާގެ ނޭޝަނަލް ސެންޓަރ ފޯރ ގުޑްގަވަރނަންސްގެ ޑިރެކްޓަރ ޖެނެރަލް އަދި އިންޑިޔާ ސަރުކާރުގެ ޑިޕާޓްމެންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯމް އެންޑް ޕަބްލިކް ގްރީވެންސްގެ އެންމެ އިސްވެރިޔާ ޝްރީ ވީ ސިރްނިވާސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރަސްމީ މަސައްތަކުގައި 35 ފަހަރު ރާއްޖެއަށް ދަތުރު ކުރެއްވި ޕްރޮފެސަރަކާއި 2011 ވަނަ އަހަރު އޮތް ސާކް ސަމިޓަށް އައްޑޫ ސިޓީއަށް ވަޑައިގެންނެވި އިންޑިޔާގެ އިސް ޑިޕްލޮމެޓިކުވެސް ސެޝަނެއް ނަންގަވައިދެއްވުމަށް ވަޑައިގެންނެވިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި އަގުހުރި ފިލާވަޅުތަކެއް ދަސްވެ، އަދި މުހިއްމު ތަޖުރިބާތަކެއް ކުރެވުނެވެ. މުޅި ދަތުރުގެ ހުރިހާ އިންތިޒާމެއްވެސް ހަމަ ޖައްސާފައިވަނީ ވަރަށް ފުރިހަމައަށެވެ. މިކަންކަމަށްޓަކައި މާލޭގައި ހުންނަވާ އިންޑިޔަން ހައިކޮމިޝަނަރު ޝްރީ މުނޫ މަހާވަރު އަދި ރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރު އަލްއުސްތާޛު އަހުމަދު އާހިދު ރަޝީދުއަށް އަދިވެސް އެއް ފަހަރު ޝުކުރު ދަންނަވަމެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރުގެ ހައިސިއްޔަތުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވީތީ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދަށްވެސް ޝުކުރު ދަންނަވަމެވެ.

ދަތުރުގެ ހަވާސާގައި، ނިއުދިއްލީގައި ހުންނަ ޕްރަދާންމަންތްރީ ސަންގްރަހަލަޔާ މިއުޒިއަމްއަށް، އިންޑިޔާ ގޭޓަށް އަދި އާގްރާގައި ހުންނަ ތާޖް މަހަލްއަށް ޒިޔާރަތް ކުރެވުނެއެވެ.