ކްރިކެޓަކީ އިންޑިޔާގައި އެންމެ މަގުބޫލު ކުޅިވަރެވެ. އިންޑިޔާ މީހުން އެ ކުޅިވަރަކަށްޓަކައި މަރުދަންޖެހޭ ކުޅިވަރެެވެ.
މާލޭގައި ހުންނަ އިންޑިޔާ އެމްބަސީގެ އެހީތެރިކަމާއެކު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިންތިޒާމްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ގުޅޭ ކުރު ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ލިބުނު ފުރުސަތުގައި ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރުގެ ހައިސިއްޔަތުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް ދަތުރުކުރި ދުވަހަކީ ކްރިކެޓް ވޯލްޑްކަޕްގައި އިންޑިޔާއާ ނިއުޒީލޭންޑް ކުޅުނު ދުވަހެވެ.
މާލޭން ފުރައިގެން ސީދާ ނިއުދިއްލީއަށް ކުރާ ދަތުރަކީ ގާތްގަނޑަކަށް ހަތަރު ގަޑިިއިރުގެ ދަތުރެކެވެ. ފްލައިޓުގައި އިންއިރު ފޫހިވެގެން ފޯނާ ކުޅެނިކޮށް ފްލައިޓުގެ ކެޕްޓަން އިއުލާންކޮށްލީ އިންޑިޔާގައި ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގެ ސްކޯއެވެ. ކެޕްޓަން އިއުލާން ކުރީ ނިއުޒީލޭންޑްގެ 50 އޯވަރު ހަމަ ވެއްޖެ ކަމަށާއި އެ ޓީމަށް ހެދުނީ 273 ލަނޑު ކަމަށެވެ. އަދި ބްރޭކަށް ފަހު އިރުކޮޅަކުން އިންޑިޔާ ކުޅެން އަރާނެކަންވެސް ކެޕްޓަން އިއުލާން ކުރިއެވެ. އޭރު ގަޑިން ގާތްގަނޑަކަށް އިރުއޮއްސި 6:15 ހާއިރެވެ. ދަތުރުގައި އަދި ބާކީ ގަޑިއެއްހާއިރު އެބައޮތެވެ.
ކޮންމެއަކަސް މެޗުގެ އެވަގުތުގެ ނަތީޖާ ކެޕްޓަން އިއުލާން ކުރުމާއެކު ހަނދާންތައް ދިޔައީ މީގެ 12 ވަރަކަށް އަހަރު ކުރިއަށެވެ. އެއީ ވޯލްޑްކަޕް 2011ގެ ފައިނަލް ކުޅުނު ދުވަހެވެ. އެ ދުވަސް ކުއްލިއަކަށް ހަނދާނަން އައި ސަބަބަކީ އެއީވެސް ވައިމަގުން ދަތުރެއް ކުރެވުނު ދުވަހަކަށް ވެފައި، އެ ދުވަހުވެސް ފްލައިޓުގައި ކެޕްޓަން ސްކޯރ އިއުލާން ކުރި ދުވަހަކަށްވާތީއެވެ. 2011 ވަނަ އަހަރުގެ އެ ދުވަހަކީ ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލުގައި އިންޑިޔާއާ ލަންކާ ކުޅުނު ދުވަހެވެ. އެއީ އިންޑިޔާގެ މެޑްރާހުގައި ކިޔަވަން ހުރި ދުވަސްވަރެވެ. އެ ދުވަހު މެޑްރާހުން މާލެ އަންނަން ދަތުރުކުރީ ލަންކާ މަގުންނެވެ. ފައިނަލުގައި ކުޅުނީވެސް ލަންކާއާ އިންޑިޔާއެވެ.
ޔުނިވަރސިޓީގެ ބޯޑިންގއިން ނައްޓާލައިގެން އެއާޕޯޓާ ހަމައަށް ދިޔައިރުވެސް މެޑްރާހުގެ މަގުތައްމަތިން ފެންނަމުން ދިޔައީ ކްރިކެޓްގެ ފޯރިއެވެ. ފައިނަލް މެޗު ނިމޭއިރު އިންޑިޔާ މޮޅުވެއްޖެނަމަ އިންޑިޔާގައި ވަރަށް ފޯރި ހުންނާނެކަންވެސް އެނގެއެވެ. އެހެން ދުވަހަކު ފުރަން މަޑު ކުރަންވެސް ހިތަށް އެރިއެވެ. އެކަމަކު ފައިނަލް މެޗު ކުޅެމުން ދަނިކޮށް އެ ދުވަހު ފުރީއެވެ.
މިއަދުގެ ދަތުރާ ހިލާފަށް އެ ދުވަހު މުޅި ދަތުރު މަތީގައި ކަހަލަ ގޮތަކަށް ކެޕްޓަން ދިޔައީ މެޗުގެ ނަތީޖާ ކިޔައިދެމުންނެވެ. ފްލައިޓުގައި އެ ދުވަހު މައިގަނޑު ގޮތެއްގައި ތިބީ ލަންކާ އަދި އިންޑިޔާ މީހުންކަމުން މުޅި ފްލައިޓު ގުގުމާލާފައި އޮތީ ކްރިކެޓްގެ ފޯރިއެވެ. ފައިނަލް މެޗުކަމުންވާނީވެސް އެހެންކަން އެނގެއެވެ.
އެ ދުވަހު ދަތުރުކުރި ފްލައިޓް ބަންޑާރަނައެކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ކުރިން ފައިނަލް މެޗު ނިމިއްޖެއެވެ. ލަންކާ ފައިނަލުން ބަލިވުމުން މުޅި ލަންކާ އެ ދުވަހު އޮތީ ފަޅުތަނެއްހެން މުޅިން މާޔޫސްވެފައެވެ. ލަންކާގައި ހަ ގަޑިއިރު މަޑުކުރަން ޖެހުނު އިރު އެއާޕޯޓުންވެސް ފެނުނީ ހިމޭންކަމެވެ. އިންޑިޔާ މީހުންނެކޭ އެއްގޮތަށް ލަންކާގައިވެސް ކްރިކެޓަކީ އެއް ނަންބަރު ކުޅިވަރަށްވީމާ މެޗުން ބަލިވުމުން އެ މީހުންނަށް ފުން އަސަރެއް ކުރިއެވެ.
ކުއްލިއަކަށް އެ ދުވަސް ހަނދާންވުމުން އެ ވާހަކަ ހަމަ ލިޔެލާ ހިތްވީއެވެ. ފްލައިޓުގައި އިނދެ ފޯނުން މި ހިސާބަށް ލިޔެ ނިންމާލާނީ ހޮޓަލަށް ގޮސް މިހާރު ކުޅެމުންދާ އިންޑިޔާ ނިއުޒިލޭންޑް މެޗު ނިމުމުން މެޗުގެ ނަތީޖާއާއެކު މި ލިޔުން ޕަބްލިޝްކޮށްލާށެވެ.
އިންޑިޔާ - ނިއުޒީލެންޑް މެޗުން މޮޅުވީ އިންޑީޔާއެވެ. އެއާއެކު މުބާރާތުގައި މިހާތަނަށް ކުޅުނު ފަސް މެޗުންވެސް އިންޑިޔާ މޮޅުވީއެވެ.