މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ސްކޫލް ޖަރނަލިޒަމް ޕްރޮގްރާމް" ގައި ރެހެންދި ސްކޫލުގެ ދަރިވަރުންނަށް އެއްޗެއް ކިޔައިދިނުމުގެ ފުރުސަތު މީޑިއާ ކައުންސިލުން ދެއްވީތީ އެ ކައުންސިލަށް އެންމެ ފުރަތަމަވެސް ޝުކުރު ދަންނަވަމަވެ.
ސްކޫލް ޖަރނަލިޒަމް ޕްރޮގްރާމްގެ ހަވަނަ ބެޗުގެ ބައިވެރިންނަކީ ރެހެންދި ސްކޫލުގެ ގްރޭޑް ނުވައެއްގެ ދަރިވަރުންނެވެ. އަޅުގަނޑަށް ހަވާލު ކުރެވުނީ، އެ ކުދިންނަށް ނޫސްވެރިކަމަކީ ކޮބައިކަމާ، ހަބަރު ހޯދާނެ ގޮތާއި ހަބަރެއް ލިޔާނެ ގޮތާ ގުޅޭ ގޮތުން ކޮންމެވެސް އެއްޗެއް ކިޔައިދިނުމެވެ. މިއީ މި ފަދަ ކަމެއް ކުރުމަށް އަޅުގަނޑަށް ލިބުނު ފުރަތަމަ ފުރުސަތެވެ. 25 ކުދިން ބައިވެރިވާނެ ކަމަށް ކުރިން މައުލޫމާތު ލިބިފައި އޮތް ނަމަވެސް ދެ ކުއްޖަކަށް ކޮންމެވެސް ސަބަބަކާ ހުރެ ނާދެވުނެވެ. ދެން ތިބި ކުދިންނާއެކު ވަރަށް ހިތްހަަމަ ޖެހޭ ގޮތަށް ސެޝަން ނަގައިދެވުނު ކަމަށް އަމިއްލައަށް ގަބޫލު ކުރެވެއެވެ. އެކަމަކު ފުރަތަމަ ފަހަރު ކަމުން ކުޑަކޮށް ފިނިވެސްވިޔެއެވެ.
އުމުރުން 15 ނުވަތަ 16 އަހަރުގެ ކުދިންނަމަވެސް އެ ކުދިންނަށް ނޫސްވެރިކަމުގެ އެންމެ މުހިއްމު އަސާސްތައް ކޮންމެވެސް ވަރަކަށް ފެށިއިރުވެސް އެނގޭކަން ފާހަގަކުރެވުނެވެ. އެއް ކުއްޖަކު، ސެޝަންގެ ވަރަށް ކުރީކޮޅު ވަރަށް މުހިއްމު ކަމެއްވެސް ފާހަގަ ކުރިއެވެ. ނޫސްވެރިކަން ކުރުމަކީ ކޮބައިތޯ ނުވަތަ ނޫސްވެރިކަން ކުރާނީ ކިހިނެތްތޯ އެހުމުން އެ ކުއްޖާ ދިން ޖަވާބަކީ، "ތެދު ކިޔައިދިނު" މެވެ. ތެދެކެވެ. މުޅި ނޫސްވެރިކަމުގެ މައިގަނޑު އަސާސަކީ ތެދު ކިޔައިދިނުމެވެ. އަޅުގަނޑަށް ހަވާލު ކުރެވުނު ދޮޅު ގަޑިއިރުގެ ސެޝަންގައި އެ ކުދިންނަށް ކޮންމެވެސް އެއްޗެއް ކިޔައިދެވުނު ކަމުގެ ހިތްހަމަ ޖެހުން ލިބުނެވެ.
އެ ކުދިންގެ ތެރޭގައި ވަރަށް ހިތްއަލި، ވަރަށް ސިޔާސަ ކުދިން ތިބިކަން ފާހަގަ ކުރެވުނެވެ. އެއް ކުއްޖަކު ބުނީ، ބޮޑުވެގެން ވާން ބޭނުމީ ރައީސް ކަމަށާއި އޭރުން ހުރިހާ ނޫސްވެރިންގެ މުސާރަ ބޮޑު ކުރާނެ ކަމަށެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސްކޫލް ޖަރނަލިޒަމް ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި، އަދި އެކަމުގެ ސަބަބުން ރަނގަޅު ނޫސްވެރިންތަކެއް އުފުމުގެ މަގު ފަހިވެގެންދާނެ ކަމެވެ.
ނިންމާލުމުގެ ކުރިން، އަޅުގަނޑަށް އެ ފުރުސަތު ހޯއްދަވައި ދެއްވި އަޅުގަނޑުގެ މުދައްރިސް ޝައްމާން ޝާކިރު ނުވަތަ ޝައްމު ސަރއަށް ހިތުގެ އިހުލާސްތެރި ޝުކުރު ދަންނަވަމެވެ.